ވިޔަފާރި

ތޯމަސް ކޫކް ބަނގުރޫޓް ވިޔަސް ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަމެއް ނާންނާނެ - ޓޫރިޒަމް މިނިސްޓަރ


ތޯމަސް ކޫކް ބަނދުރޫޓުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަމެއް ނާންނާނެކަން ސަރުކާރުން ޔަޤީންކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ތޯމަސް ކޫކް ބަނގުރޫޓުވި ހިސާބުން ސަރުކާރުން މިކަން ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. ޓޫރިޒަމް މިނިސްޓްރީއާއި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ކުޑަވާނެފަދަ ގޮތަކަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިކަން މިދިމާވީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ރަނގަޅުވެގެންދިޔަ ދަނޑިވަޅެއްގައިކަމަށާއި، ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ސީޒަންކަމަށްވުމުން މިކަމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާކަން މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޑަސްޓްރީން މި ހިޓް ޓޭކްކުރަމުން މިދަނީ. ތޯމަސް ކޫކްއާއި އެއްކޮށް މިއޮތީ އެގްރީމަންޓް އެހެންނަމަވެސް އެ ފަތުރުވެރިޔާއަށް ޙިދުމަތް ދިނުމުގައި މިއަދާއި ހަމައަށްވެސް ރިސޯޓްތަކުން އެކުރަނީ ލާމަސީލު މަސައްކަތެއް. ސަރުކާރުން ޔަޤީންކޮށް ކަށަވަރު ކުރާނަން ރާއްޖޭގެ ފަތުރުވެރިކަމަށް މިކަމުން ހީނަރުކަމެއް ނާންނާނެހެން މިހާރު ކުރާ ކޮންމެ ކަމެއްވެސް ފިއުޗާއަށް ވިސްނައިގެން ކުރަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިކަމުގެ އަސަރުކޮށްފައިވާ ފަތުރުވެރިން އެހީފޯރުކޮށްދިނުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ހެލްޕް ޑެސްކެއްވެސް ބަހައްޓާފައެވެ. ތޯމަސް ކޫކްގެ މައްސަލައިގައި ފަތުރުވެރިންނާއި ބައްދަލުކޮށްފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިކަމުގައި މިނިސްޓްރީން އޮތީ ފަތުރުވެރިންނާއި އަދި އިންޑަސްޓްރީއާއިވެސް އެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތޯމަސް ކޫކް ބަނގުރޫޓުވުމުން ދުނިޔޭގެ އެހެން ޤައުމުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ގޮތް ހުސްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެހެން ޤައުމުތަކާއި ޙިލާފަށް ރާއްޖެއަކީ ޙިދުމަތާއި މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ޤައުމެއްކަން ފަތުރުވެރިންނަށް ދައްކާނެކަމަށެވެ. ތޯމަސް ކޫކްގެ ބެލުމުގެ ދަށުގައި ރާއްޖެ އައިސްފައިވާ 804 ފަތުރުވެރިން މިވަގުތު ރާއްޖޭގައި ތިބިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ސަރުކާރުން މިދަނީ ފަތުރުވެރިންނަށް ދޭންޖެހޭ ޙިދުމަތްތައް ދިނުމުގެ މަސައްކަތްތައް ކުރަމުން. އިންޑަސްޓްރީއާއި އެއްކޮށް މިދަނީ ރާއްޖެއަކީ އެހެން ޤައުމުތަކާއި ޙިލާފަށް ހިދުމަތާއި މެހެމާންދާރީގައި ނަމޫނާ ޤައުމެއްކަން ދެއްކުމުގެ މަސައްކަތް ކުރަމުން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ތޯމަސް ކޫކްއިން ދައްކަންޖެހޭ ފައިސާވެސް އެބަހުރިކަމަށާއި މިކަމުގައި އެ ކުންފުންޏާވެސް ބައްދަލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޓުއަރ އޮޕަރޭޓަރ، އިނގިރޭސިވިލާތުގެ ތޯމަސްކުކް ބަނގުރޫޓްވީ އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްކި، 2 ބިލިއަނެއްހާ ޑޮލަރުން ދަރަނިވެރިވުމުންނެވެ.