ވިޔަފާރި

ފްރީޑައިވް ވޯލްޑް ރެކޯޑްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖޭގައި ބާއްވާ ފްރީ ޑައިވް ވޯލްޑް ރެކޯޑް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މި އިވެންޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ނަމަވެސް މި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ ކިހިނެތްކަމެއް ޓޫރިޒަމް މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.

"ނޭވާ" ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ފްރީ ޑައިވް ވޯލްޑް ރެކޯޑް ހެދުމަށް ބާއްވާ ޙާއްސަ ޑައިވް ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 1:00ގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 850 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަނީ މި ފަރާތްތައް އިވެލުއޭޓްކުރުމުގެ މަސައްކަތެވެ. މި ޑައިވް ހަރަކާތުގައި ބައިވެރިވެވެނީ ސިއްހީ ގޮތުންވެސް ވަކި ކަންކަން ފުރިހަމަވާ ފަރާތްތަކަށްކަން މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި މިހާރު 850 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ މީގައި ރަޖިސްޓަރ ކުރައްވާފައި. އިވެލުއޭޝަންގެ ކަންކަން ކުރިއަށްއެބަދޭ. މި އިވެންޓުގެ މިހާރުގެ ޗީފްގެސްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް." އަލީ ވަހީދު ވިދާޅުވިއެވެ.

މި ޑައިވްގައި ބައިވެރިވާ މީހުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވެފައިވުމާއި، ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށްވުމާއި، 3 މީޓަރު ފުނަށް ފީނުމުގެ ޤާބިލްކަން ހުރުމާއި، ނޭވާ ނުލައި 30 ސިކުންތަށް ވުރެ ގިނައިރު އަޑީގައި އޮތުމުގެ އިތުރުން 50 މީޓަރު ފެތުމުގެ ކުޅަދާނަކަން ހުރި މީހަކަށްވުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ވަނަ ދުވަހު ވ.އަތޮޅުގައި ބާއްވާ ޖަޒީރާވަންތަ ކެނޯ ރޭހަކުންނެވެ. މި ރޭސް ފައްޓަވައިދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.