ޚަބަރު

ދުނިޔޭގެ މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިން ރާއްޖެއަށް!


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރެޒިޓެންޑް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ 85 ކުޅުންތެރިން ބައިވެރިވާނެކަމަށް މޯލްޑިވްސް ވޮލީބޯލް ވެޓަރެންސްއިން ބުނެފިއެވެ.

މިބީޗް ވޮލީ ބޯލް މުބާރާތަކީ ޔޫތް މިނިސްޓްރީއާއި މޯލްޑިވްސް ވޮލީބޯލް ވެޓްރެންސްއާގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ބީޗް މުބާރާތުގައި ދުނިޔޭގެ ރޭންކިންގައި ވާދަކުރާ އެންމެ ވަރުގަދަ ކުޅުންތެރިން ވާދަކުރާއިރު، އެމެރިކާގެ ރޭންކިންގެ ފަސްވަނަ ޕެއަރވެސް މިމުބާރާތުގައި ވާދަކުރާނެއެވެ. 80އަށް ވުރެ ގިނަ ކުޅުންތެރިން މިމުބާރާތުގައި ވާދަކުރާއިރު، ދުނިޔޭގެ ރޭންކިންގައި އެންމެ ޓޮޕްގައި ހިމެނޭ ކުޅުންތެރިންނާއި ބައެއް މަޝްހޫރު ތަރިންވެސް މިމުބާރާތުގައި ވާދަކުރާނެކަމަށް މޯލްޑިވްސް ވޮލީބޯލް ވެޓްރެންސްގެ ފަރާތުން ވާހަކަދެއްކި މުހައްމަދު އަނީސް (ތަރި އަނީސް) ފާހަގަކޮށްފައިވެއެވެ.

މިމުބާރާތުގައި ނޯތު އެމެރިކާ އާއި ސައުތު އެމެރިކާ، އަދި ޔޫރަޕް އާއި އޭޝިޔާގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އިންވިޓޭޝަނަލް މުބާރާތަކަށް ވުމާއެކު ރާއްޖެއިންވެސް މިމުބާރާތުގައި ވާދަކުރާނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް މެޑަލްތަށް ހޯދާފައިވާ ޕެއަރއާއި މޯލްޑިވްސް ވޮލީބޯލް ވެޓްރެންސްގެ ޕެއަރއެއްކަމަށް މަޝްހޫރު ވޮލީ ކޯޗް ތަރި އަނީސް މަޢުލުމާތުދީފައިވެއެވެ. ޕްރެޒިޓެންޑް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތް ކުރިއަށްދާނީ ތިން ޑިވިޝަންއަކަށް ބަހާލައިގެންނެވެ.

"މިމުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން. އެއީ ޕްރޯ ޑިވިޝަންއަކާއި ރެކް ޑިވިޝަން އަދި ކޮޓްރޯ ޑިވިޝަން. ރެކް ޑިވިޝަން ކުރިއަށްދާނީ މާ ސީރިއަސް ނޫން، ތަންކޮޅެއް މަޖާގޮތަކަށް. ނަމަވެސް ޕްރޯ ޑިވިޝަން ކުރިއަށްދާނީ ވަރަށް ސީރިއަސްކޮށް އެންމެ މަތީ ފަންތީގެ ކުޅުންތެރިން ކުޅޭ ޑިވިޝަންއެއްގެ ގޮތަށް. ރާއްޖެއަށް މިފަދަ މުބާރާތެއް ކުރިއަށް ގެންދެވޭތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މިމުބާރާތުގެ ފަންނީ އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދޭނީ އެމެރިކާގެ ކުންފުންޏަކުން ނާއި ބީޗް ވޮލީ ބޯލް ތައިލެންޑް ކުންފުޏަކުން. މިމުބާރާތް ކުރިއަށްދާނީ މިދެ ކުންފުނީގެ އެހީތެރިކަމާއެކު." ތަރީ އަނީސް ބުންޏެވެ.

ޕްރެޒިޓެންޑް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތް ކުރިއަށްދާނީ މިމަހުގެ 27، 28 އަދި 29ގެ ނިޔަލަށެވެ. އަދި މުބާރާތް ކުރިއަށްދާނީ ފުރަވެރި ރިސޯޓްގައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމުގައި ފުރަވެރި ރިސޯޓްއިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް އަނީސް ފާހަގަކުރިއެވެ. އަދި އެމްވީވީ ފަދަ ޖަމިއްޔާއަކަށް މިފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބުމުން، ވީހާވެސް ރަގަނޅަކަށް މިމުބާރާތް އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ބޭނުންވާކަމަށްވެސް އަނީސް ބުނެފިއެވެ އަދި މުބާރާތުގައި އެމެރިކާގެ ކުންފުނިތަކުގެ އެހީތެރިކަމަށްވެސް މިހޯދީ މުބާރާތުގެ ފެންވަރު ރަގަނޅު ކުރުމަށްކަމަށް އަނީސް ބުންޏެވެ.
"މުސްތަގްބަލުގައި އަޅުގަނޑުމެންނަށް މިފަދަ މުބާރާތްތަށް އެކަނި ކޮށްލެވޭ ވަރުވާނެކަމަށް މިބަލަނީ. މިއީ ވަރަށް ރަގަނޅު ތަޖްރިބާއަކަށް ވާނެ. މިކަން ކުރާ ތަޖްރިބާކާރު ބޭފުޅުން ބޭނުން ކުރުމަކީވެސް މުބާރާތް އެންމެ ރަގަނޅު ފެންވަރުގައި ކުރިއަށް ގެންދިއުން. އަދި މިބޭފުޅުންގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މިމުބާރާތުގައި ވާދަކުރާ ފެންވަރު ރަގަނޅު ކުޅުންތެރިންވެސް މިހޯދުނީ. މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީޙުގައި ފާހަގަކޮށްލެވޭ މުބާތަކަށް ވެގެންދާނެކަމަށް މިބަލަނީ." އަނީސް ބުންޏެވެ.

މިމުބާރާތުގައި އެހީތެރިވާ އެމެރިކާގެ ޗާލީ އަދި ކޯޑީ ބުނީ ބީޗް ވޮލީ މުބާރާތެއް ބޭއްވުމަށް ވަކި ރާއްޖެއަށް ވުރެއް ރަގަނޅު ގައުމްއެއް ނޯންނާނެކަމަށާއި މިހާރު ހަވާއީގައި ކުރިއަށްދާ އިންޓަރ ނޭޝަނަލް ބީޗް ވޮލީ މުބާރާތް ނިމުމާއެކު، އެމުބާރާތުގައިވެސް ވާދަކުރާ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގައި މިބައްވާ ޕްރެޒިޓެންޑް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތުގައި ވާދަކުރާނެކަމަށެވެ. މުބާރާތް ކުރިއަށްދާ ތިން ދުވަހު އެންމެ މަތީ ފަންތީގައި ކުޅޭ ކުޅުންތެރިންގެ ކުޅުން ބަލާލަން ލިބޭނެކަމަށާއި މިއީ ރާއްޖޭގެ ވޮލީގެ އިތުރުން ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމެކަމަށެވެ.
"މިއީ ރާއްޖެއަށް ވަރަށް ފައިދާ ކުރާނެކަމެއް. ޕްރޯ ޑިވިޝަން އާއި ރެކް ޑިވިޝަން އަދި ކޮޓްރޯ ޑިވިޝަންވެސް ކުރިއަށްދާނީ ރައުންޑް ރޮބިން ފޯމެޓްއަށް. އަދި ދެ ސިންގަލް އެލިމިނޭޝަން ކުޅޭ ގޮތަށް. މިގޮތަށް ކުޅުމުން ކޮންމެ ޓީމްއަކަށްވެސް މަދުވެގެން ކޮންމެ ޓީމްއަކަށްވެސް މެދުވެގެން ހަތަރު މެޗް ކުޅެލަން ލިބިގެންދާނެ. އަދި މުބާރާތުގެ ފައިނަލްއާއި ހިސާބަށް ދާ ޓީމްއަކަށް 8 ނުވަތަ 9 މެޗް ކުޅެލަން ލިބިގެންދާނެ." ކޯޑީ ބުންޏެވެ.

މަޝްހޫރު ވޮލީ ކޯޗް އަނީސްބުނީ މިއީ ރާއްޖޭގައި ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި މިމުބާރާތުގައި ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އައިސް ކުޅުމުގެ ސަބަބުން ފަތުރުވެރިކަން އިސްތިޙާރު ކުރުމަށް ފަސޭހައަކަށް ވެގެންދާނެކަމަށް އަނީސް ބުނި. މިމުބާރާތުގައި 25 ގައުމްއަކުން 85 ކުޅުންތެރިންނަށް ވުރެއް ގިނައިން ވާދަކުރާނެއެވެ.