ވިޔަފާރި

ކްރޮސްރޯޑްސް މޯލްޑިވްސް، މަޝްހޫރު "ހިސްޓްރީ ޗެނަލް"އަށް


އެނބޫދުފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ މަސައްކަތް ކުރިއަށްގެންދިޔަގޮތާއި ކްރޮސްރޯޑްސް މޯލްޑިވްސްގެ ފުރިހަމަކަން ދައްކާލުމަށް ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލެއްކަމާށްވާ "ހިސްޓްރީ ޗެނަލް" އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

އޭގެފަހުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވާފައިވާއިރު މި ތާރީޚީ މަޝްރޫޢުގެ މައްޗަށް ހެދި ޑޮކިއުމެންޓްރީ ހިސްޓްރީ ޗެނަލްއިން މިހާރު ވަނީ ދައްކަން ފަށާފައެވެ.

"މޭކިންގ މެގަ އިން ޕެރަޑައިސް" ގެ ނަމުގައި ހިސްޓްރީ ޗެނަލުން ހަދާފައިވާ މި ޑޮކިއުމެންޓްރީން ފުރަތަމަ ދައްކާލާފައިވަނީ އެންމެ ދެ އެޕިސޯޑެވެ. މުޅި ޑޮކިއުމެންޓްރީގައި 6 އެޕިސޯޑު ހިމެނޭއިރު މިއީ 30 މިނެޓްގެ އެޕިސޯޑްތަކެކެވެ.

މި ޑޮކިއުމެންޓްރީގައި ކްރޮސްރޯޑް ހަދަން ފެށި ފުރަތަމަ ދުވަހުން ފެށިގެން މި މަޝްރޫޢު ނިމުމާއި ހަމައަށް ކުރި ހުރިހާ މަސައްކަތްތަކެއް ދައްކުވާލަދީފައިވެއެވެ. މީގެ އިތުރުން ކްރޮސްރޯޑްސްގެ އިސްވެރިންގެ އިންޓަރވިއުތަކާއި ކްރޮސްރޯޑްސްގެ މުވައްޒަފުންގެ އިންޓަރވިއުތައް އަދި ވަކިން ޚާއްސަކޮށް ދިވެހި މުވައްޒަފުންގެ އިންޓަރވިއުތައް މި ޑޮކިއުމެންޓްރީގައި ހިމަނާފައިވެއެވެ.

ހިސްޓްރީ ޗެނަލްއިން ދައްކަން ފަށާފައިވާ ޑޮކިއުމެންޓްރީގެ ޓްރެއިލަރ ކޮޅެއް

ކްރޮސްރޯޑްސް މޯލްޑިވްސް، ހިންގަމުންދާ ތައިލެންޑްގެ ސިންގްހާ އެސްޓޭޓުން ބުނެފައިވަނީ އިންޑިއާ ކަނޑުގެ އެންމެ ބޮޑު އިންޓަގްރޭޓަޑް ރިސޯޓް ދިވެހިރާއްޖޭގައި ތަރައްޤީކޮށްފައިވާއިރު މި މަޝްރޫއުގައި ދިމާވާ ލޮޖިސްޓިކަލް އަދި އިންޓެލެކްޗުއަލް ގޮންޖެހުންތައް މި ޑޮކިއުމެންޓްރީން ފެނިގެންދާނެ ކަމަށެވެ.

މި ޑޮކިޔުމަންޓްރީގައި އެންމެ ޙާއްސަކަމެއް ދީފައިވަނީ އެނބޫދޫ ފަޅުގެ ރީތިކަމާއި ހިތްގައިމުކަމަށްކަމަށް ސިންގހާ އެސްޓޭޓް ކުންފުނިން ބުނެއެވެ. އެގޮތުން މި މަޝްރޫޢު ކުރިއަށްގެންދިޔައިރު ވަށައިގެންވާ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ވިސްނާފައިވާ މިންވަރާއި އެކަމަށް ބޭނުންކުރާ އުކުޅުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދިކުދި ތަފްސީލުތަކަށް ދީފައިވާ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިގެންދާނެކަމަށް ސިންގހާ އެސްޓޭޓުން ބުނެއެވެ.

"ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއަކީ އިންޓަރގްރޭޓަޑް ލެއިޝަރ އެންޑް އެންޓަޓެއިންމަންޓް ރިސޯޓް ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މުޅި މަޝްރޫޢަށް 800 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 311.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް ސިންގް އެސްޓޭޓުން ބުނެއެވެ.

މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2 ރިސޯޓެއް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ. އެއީ ހާޑްރޮކް ރިސޯޓް އަދި ސައިލެގޫން މޯލްޑިވްސްއެވެ. މި ދެ ރިސޯޓާއެކު ފަތުރުވެރިންނަށް ޙާއްސަކޮށްގެން 376 ކޮޓަރީގެ ޖާގަ ކްރިސްރޯޑްސްގައި މިހާރު އެބަހުއްޓެވެ.