ޚަބަރު

ހަނިމާދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި


ހދ.ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީން ޙަވާލުކުރައްވައިފިއެވެ. އެގޮތުން އެރަށު ބަނދަރަށް 270 މީޓަރުގެ އެއްގަމު ތޮށި އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 355 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމަށްވަނީ ހަމަޖެހިފައެވެ.

57މިލިއަނަށްވުރެ ގިނަ ރުފިޔައަށް މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ އެރަށު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ހިމަނައިގެންނެވެ. އަދި ނެރުބައްތިޖެހުމާއި، ބަނދަރުގައި ރޭމްފް ހެދުމާއި، ބަނދަރުގައި ޕޭވްމަންޓް ހެދުމަށްވެސް ވަނީ ޙަވާލުކޮށްފައެވެ.

މަސައްކަތް ޙަވާލުކޮށްފައިވަނީ 1 އަހަރާއި 2 މަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.