ޚަބަރު

އެފްއޭއެމްއިން ވިކްޓްރީއަކަށް އެހީވާން ބޭނުމެއް ނުވޭ - ނާޝް


އެފްއޭއެމްއިން ކުލަބްތަކަށް އެހީވާން ބޭނުން ނުވާކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ބުނެފިއެވެ. މާލީ ގޮތުން މިވަގުތު ވިކްޓްރީ ސްޕޯޓްސް ކުލަބް އޮތީ ވަރަށް ދަށް ޙާލަތެއްގައެވެ. މިދިޔަ ހަފްތާގައި ވިކްޓްރީ ސްޕޯޓްސް ކުލަބްއާއި ގްރީން ސްޓްރީޓް މެޗްއަށް ވިކްޓްރީ ހާޒިނުވުމުން އެފްއޭއެމްއިންވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބް، 40،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮށްކޯފުޅު އިބްރާހީމް ނާޝިދު ވިދާޅުވީ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވިކްޓްރީ ސްޕޯޓްސް ކުލަބްގެ 5 ކުޅުންތެރިން ނަގާފައިވާކަމަށާއި މިފަސް ކުޅުންތެރިންނަކީވެސް ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިންކަމަށެވެ.

މިޙާލަތު އަންނާނެކަން މާކުރިން އެނގޭތީ ވިކްޓްރީ ސްޕޯޓްސް ކުލަބުންވަނީ އެފްއޭއެމްއާ ބައްދަލުކޮށް، ގްރީން ސްޓްރީސް މެޗް ލަސްކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެފްއޭއެމްއިން ބުނީ މެޗް ލަސްކޮށްދެވޭނީ ގްރީން ސްޓްރީޓުން އެއްބަސްވުމުންކަމަށެވެ. އެކަމަށް އެއްބަސްވެ ގްރީން ސްޓްރީޓުންވަނީ އެފްއޭއެމްއާ ބައްދަލުކޮށް ވާހަކަވެސްދައްކާފައެވެ. ނަމަވެސް އެފްއޭއެމްއިން ފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް އަންގާފައިވަނީ ގްރީން ސްޓްރީޓުން ލިއުމުން އެކަން ހުށައަޅާފައިނުވާކަމަށެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޗެއާޕާސަން ޑރ.އިބްރާހީމް ނާޝިދު (ނާޝް) ވިދާޅުވީ ގްރީން ސްޓްރީސްއިން އެފްއޭއެމްއާއެކު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގައި އެކަން އޮންނާނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި އެފްއޭއެމްއިން މެޗް ލަސްކުރަން ލިއުމުން ހުށައަޅަންޖެހޭކަން ވިކްޓްރީއަށް އެންގީވެސް ވަރަށް ފަހުންކަމަށް ނާޝް ވިދާޅުވި. އަދި އެންމެ ފަހު ވަގުތާހަމައަށްވެސް އެފްއޭއެމްއާ މަޝްވަރާތަށް ކުރަމުންދިޔަކަމަށް ނާޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެފްއޭއެމްއިން ކޮށްފައިވާ ޖުރިމަނާގެ ފައިސާ ދައްކަން، ކުލަބްގެ މާލީ ޙާލަތު ހުރިގޮތުން ވަރަށް އުދަގޫވާނެކަމަށާ، ނަމަވެސް އެފްއޭއެމްގެ ޤަވާއިދު ބުނާގޮތުން އެފްއޭއެމްއިން ކުލަބަށް ދޭންޖެހޭ ފައިސާއިން، ޖޫރިމަނާގެ ފައިސާ އުނިކުރެވޭނެކަމަށެވެ. އަދި އެކަންކޮށް ދިނުމަށް އެފްއޭއެމްއަށް ލިއުމަކުން ހުށައަޅާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެފްއޭއެމްގެ އަމަލުތަށް ހުރިގޮތުން މިކަން ކޮށްނުދިނުމުގެ ބިރުވެސް އެބައޮތްކަމަށް ނާޝް ވިދާޅުވިއެވެ.

ދިވެހި ފުޓުބޯޅާގައި މިވަގުތު އޮތް އެންމެ ގިނަދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީއަށް މާލީގޮތުން ދިމާވެފައިވާ އަޑިގަނޑުގެ ސަބަބުން އެޓީމުގެ ކޯޗު މުޙައްމަދު އާދަމްވަނީ މާގާމުން އިންތިއުފާވެސް ދީފައެވެ. އަދި އޭގެފަހުން ޓީމުގެ ކޯޗްކަމާއި ހަވާލުވެފައިވަނީ އާދަމް އަބްދުއްލަތީފް (ލައްޗޭ)އެވެ.
އެންމެ ފަހުން ކުޅެންއޮތް މެޗައް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވިއިރު އެޓީމް އޮތީ އެންމެ ޕޮއިންޓެއްވެސް ނުލިބި ލީގު ތާވަލުގެ އެންމެ ފުލުގެއެވެ.

ފާއިތުވި ސީޒަންގައިވެސް ވިކްޓްރީގެ ޙާލަތު އޮތީ ވަރަށް ދައްކޮށެވެ. އެގޮތުން މިދިޔަ ސީޒަންގައިވެސް ދެމެޗަކަށް ވިކްޓްރީގެ ކުޅުންތެރިން ހަމަވެފައެއްނުވެއެވެ.
ދިވެހި ފުޓްބޯޅައިގެ ހާލަތު މިހާދަށު ދަރަޖައަކަށް ވެއްޓިފައިވާއިރު، ހުރިހާ ކުލަބްތަކަށްވެސް ވަނީ މާލީ ގޮތުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ޓީސީ ސްޕޯޓްސް ކުލަބްއިންވެސްވަނީ މުސާރަ ނުދެވޭތީ އެޓީމްގެ ކުޅުންތެރިންނަށް ރިލީޒް ދިނުމަށް ނިންމާފައެވެ.

ދާދި ފަހުން އެފްއޭއެމްއިންވަނީ ޤައުމީ ޓީމްތަކަށް ލަފާދިނުމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފާއި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދާއެކު 5 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކުދަނީ ކުޅިވަރު ސިޔާސީ ނުކުރުމަށް ގޮވަމުންނެވެ. އަދި އެފްއޭއެމްގެ މިހާރުވެ ވެރިންގެ ކޮރަޕްޝަން މައްސަލަތަކާއި ދިވެހި ރާއްޖޭގެ ފުޓްބޯޅަ މިހާ ހިސާބަށް ވެއްޓުނީ އެފްއޭއެމްގެ މިހާރުގެ އެކްސްކޯގެ ސަބަބުންކަމަށް ބުނެ މި ދެމިނިސްޓަރުންވެސްވަނީ ފާޅުގައި ވާހަކަދައްކާފައެވެ. ނަމަވެސް މިހާރުވަނީ ކޮޅު ބަދަލުކުރައްވާފައެވެ.