ޚަބަރު

މާޒީގައި ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކީ ޒިންމާދާރު މުއައްއަސާތައް ފެއިލްވުމުން ތަކުރާރުވި ކަންތައްތަކެއް - ނިޔާޒް


ފުލުހުން މެދުވެރިކޮށް ޤާނޫނާ ޚިލާފް ކަންކަން ކުރީ ސަރުކާރުން ކޮށްފައިވުމަކީ މުސްތަޤުބަލުގައި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޤާނޫނަށް ބަދަލުގެނެސް ފުލުހުންނަށް ދޭންޖެހޭ ބާރު ނުދޭންވީ ސަބަބެއް ނޫންކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުތަކަށް ވާހަކަފުޅުދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު ނިޔާޒު ވިދާޅުވީ، ފުލުހުންގެ މުއައްއަސާއާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުންކަމަށެވެ. ފުލުހުންގެ މުއައްސަސާއިން ގޯސްކޮށް ކުރާކަންކަން ރަނގަޅުކުރުމަށް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީގު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއެއް އޮންނައިރު އެތަންތަނުން ކުރަންޖެހޭ ކަމެއް ފާއިތުވެދިޔަ ތަނުގައި ކޮށްފައި ނުވާކަމަށެވެ.
އަދި އެމުއައްސަސާތަކުން ފިޔަވަޅެއް އަޅާނަމަ އަޅާފައިވަނީ ސިޔާސީ ނޫފޫޒާއެކު ވަކިބަޔަކު ބޭނުންވާ ގޮތަކަށް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެއަށް ކުރިމަވެފައިވާ ނުރައްކަލާއި، މުސްތަޤުބަލުގައި ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި މާޒީގައި ހިނގާފައިވާ ކަންކަން ތަކުރާރުވެދާނެކަމަށް ބަލައި ފުލުހުންނަށް ބާރުތައް ނުދިނުމަކީ ހައްލެއް ނޫންކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭރުގެ ސަރުކާރުން ޓެރަރިޒަމްގެ ޤާނޫނު މާނަކޮށްފައިވާގޮތުން އެތައްބަޔަކު ޖަލައްލައި، ބޭރުގެ ޤައުމުތަކަށް އަރުވާލެވި ނުހައްޤުން ހުކުމްކޮށްފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. ސަރުކާރުން މިބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރަނގަޅު ނިޔަތެއްގައި ރާއްޖޭގެ ރައްޔިތުންނާއި، މުސްތަޤުބަލަށް ބެލުމަށްފަހު ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމުގައިވެސް ނިޔާޒް ވިދާޅުވިއެވެ.

"މީގެކުރިން ޖަލަށްލެވި، ހުކުމް ތަންފީޒުކޮށް، ރާއްޖެނާދެވޭގޮތަށް އަރުވާލެވިގެން އެތައްބަޔަކުތިބީ ޓެރަރިޒަމްގެ ބިލް ކުރީ ސަރުކާރުން މާނަކުރި ގޮތުން. މާޒީގައި ކަންކަން ގޯސްކޮށްގޮސްފައިވަނީ ސަރުކާރުން މިބިލު ސިޔާސީ މީހުންނަށް އަމާޒުކުރުމުން. މުސްތަޤުބަލުގައި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް ފުލުހުންނަށް ބާރުދީގެންވެސް މިކަންކަން ހުއްޓުވަންޖެހޭ" އަލީ ނިޔާޒް ވިދާޅުވި.

ސަރުކާރުގެ ފަރާތުން، މިބިލް ހުށަހެޅުއްވާފައިވަނީ ޓެރަރިޒަމްގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށްކަމަށާ، ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ބަލައިލުމުން މިކަން ވަރަށްބޮޑަށް ސާފުވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމްގެ ކުއްތައް ތަޙުޤީގުކޮށް ދައުވާއުފުލުމުގައި ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށާއި، ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތައް އަލުން ކަނޑައެޅުމާއި، ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް އަންނަ ފަރާތްތަކަށް ރިހިބިލިޓޭޓް ކުރެވޭނެ ނިޒާމުވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދޭގޮތަށް އޮތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"މިބިލް ސަރުކާރުން ހުށަހަޅުއްވާފައިވަނީ ވަރަށް މާތް މަޤުސަދެއްގައި. މިބިލުން ޤާނޫނު ތަންފީޒް ކުރާ އިދާރާތަކަށާއި، ޕީޖީއަށް ލިބިދޭ ޤާނޫނީ ބާރުތައް ކަނޑައެޅިގެންދޭ. ހަމައެހެންމެ މިކަންކަން ހުއްޓުވުމަށް ފުލުހުންނަށްވެސް ބޮޑެތި ބާރުތައް ލިބިދޭ." ނިޔާޒް ވިދާޅުވި.

ޓެރެރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތައް މަޖިލީހަށް ބަލައިގެނެ، ކޮމިޓީގެ މަރުހަލާގެ މަސައްކަތް ވަނީ ފަށާފައެވެ. ކޮމިޓީމަރުހަލާގައި މިކަމާއި ގުޅުންހުރި މުއައްއަސަސާތަކާއި، ވަކިވަކި ފަރާތްތަތައް ގެންގޮސް އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.