ވިޔަފާރި

އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް އޮސްޓްރޭލިއާގައި ހަރަކާތްތަކެއް ފަށައިފި


އެމް.އެމް.ޕީ.އާރު.ސީން އޮސްޓްރޭލިޔާގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ރޯޑްޝޯތަކެއް ފަށައިފިއެވެ.

ހަފްތާއެއްގެ މުއްދަތައް ކުރިއަށްދާ މިހަރަކާތްތައް ފެށީ އޮސްޓްރޭލިޔާގެ ޕާތު ސިޓީގައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިޔާގެ ޓޮޕް ޓުއާ އޮޕަރޭޓަރުން ބައިވެރިވާ "ޖާރނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ ރޯޑްޝޯ އަކާއި، ޓްރެވަލް ޓްރޭޑް މީޑިޔާ އިވެންޓެކެވެ. މި ރޯޑްޝޯ ކުރިއަށްދާނީ އޮސްޓްރޭލިޔާގެ ޕާރތު، މެލްބަން އަދި ސިޑްނީގައި މިމަހުގެ 23 ން 27 ގެ ނިޔަލަށެވެ. މިއީ އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން އެކިޤައުމުތަކުގައި ހިންގާ "ޖާރނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ 7 ވަނަ ރޯޑް ޝޯއެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދާ ރޯޑްޝޯވގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ. މިރޯޑްޝޯވގެ މަޤްސަދަކީ އޮސްޓްރޭލިޔާ މާކެޓްގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާ ދާއިރާއެއްގައި ރާއްޖެ ތަމްސީލުކުރުމެވެ.

މި ރޯޑް ޝޯވގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް އޮސްޓްރޭލިޔާގެ ޓުއާރ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރެވިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ރޯޑްޝޯވގެ ތެރެއިން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.