ވިޔަފާރި

ތޯމަސް ކުކްގެ ފަތުރުވެރިންނަށް އެހީވާނަން - ޓުއަރިޒަމް މިނިސްޓްރީ


ތޯމަސް ކުކް ބަނގުރޫޓުވުމުގެ ސަބަބުން އެ ކުންފުނީގެ ދަށުން ރާއްޖެއައިސްތިބި ފަތުރުވެރިންނަށް އެމީހުންގެ ޤައުމަށް އެނބުރި ދިއުމަށް އެހީވެދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ގެއްލުން ލިބުނު ފަތުރުވެރިންނަށް ދިވެހި ސަރުކާރަށް ވެދެވެންއޮތް އެހީތެރިކަމެއް ވެދެއްވާނެކަމަށެވެ. މިކަމުގައި އެ މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ގުޅިގެން މަސައްކަތް ކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ފަތުރުވެރިންނަށް އެހީވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިހާރު ވަނީ ބަހައްޓާފައެވެ.

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުރުވެރިންގެ މައުލޫމާތު ހޯދުމަށް މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ރިސޯޓްތަކަށްވެސް އަންގާފައެވެ. މި ފަތުރުވެރިންނަށް އެކޮމޮޑޭޝަން އަދި އެއްވެސް އިތުރު އެހީއެއް ބޭނުންވާނަމަ އެކަންވެސް ހަމަޖައްސައިދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިކަމުގެ އަސަރުކޮށްފައިވާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުރި ހެލްޕް ޑެސްކަށް އެންގުމަށް ޓޫރިޒަމް މިނިސްޓްރީން އެދެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މިކަމުގައި އަސަރުކޮށްފައިވާ ފަތުރުވެރިންނަށް ވެދެވެންއޮތް އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު ވިދާޅުވީ، ތޯމަސް ކުކް ބަންދުކުރުމުން ރާއްޖޭގައި އެ ކުންފުނީގެ ދަށުން އައިސްތިބި ފަތުރުވެރިންނަށް އެނބުރި ޤައުމަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ އެމްއެމްޕީއާރުސީން މިހާރު އެންމެ އިސްކަމެއްދޭ މަސައްކަތްކަމަށެވެ.

އިނގިރޭސިވިލާތުގެ ތޯމަސް ކުކް ބަނގުރޫޓްވެފައިވަނީ، އެކުންފުނީގެ 2.1 ބިލިއަން ޑޮލަރުގެ ދަރަނިތައް އަދާކުރާނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ ޙަވާލުގައި ޗުއްޓީ ހޭދަކުރަމުންދާ ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ވަނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ، ޤައުމަށް އެނބުރި ދިއުމަށް ދަތިތަކާ ކުރިމަތިވެފައެވެ.