ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ އދ.ގައި ތަޤްރީރްކުރެއްވުން މާދަމާ މެންދުރު


އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ތަޤްރީރްކުރައްވާނެއެވެ. މިމަހުގެ 17އިން 30އަށް އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރްކުރައްވާނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް 10 ޖަހާއިރުއެވެ. ދުނިޔޭގެ ލީޑަރުން ތަޤްރީރްކުރައްވާ މި މަޖިލީހުގައި ރައީސް ތަޤްރީރްކުރެއްވުމަށް ހަމަޖެހިފައިވަނީ ހަވަނައަށެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. އދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފުރާވަޑައިގެންފައިވާއިރު، މިއަދަކީ، ދިވެހިރާއްޖެއިން އދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއިން އދ.ގެ މެމްބަރަކަށް ވެފައި ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ތަޤުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މަސްރަޙްގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ޤައުމުތަކާއި، ބައިނަލްއަޤްވަމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ތަޤުރީރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވައެވެ.

ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެކުވެރި ޤައުމުތަކާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި އެމަނިކުފާނު 5 ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރޭ ކުރިއަށްދާ ކްލައިމެޓް އެކްޝަން ސަމިޓްގައިވެސް ރައީސުލްޖުމްހޫރިއްޔާ ތަޤްރީރްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި މުހިންމު ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު މި ދަތުރުފުޅުގެ ތެރެއިން ލިބިގެންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އދ.ގެއާއްމު ޖަލްސާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނާއިރު އެބައްދަލުވެގެންދަނީ ދޭދޭ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށްވެސް ލިބިގެންދާ ފުރުޞަތަކަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އދ.ގެ ޢާއްމު ޖަލްސާގައި ދިވެހި ސަރުކާރުގެ ފަރާތުން ތަމްސީލް ކުރެއްވީ ސަރުކާރުގެ މިނިސްޓަރުންނެވެ. ރައީސް ޔާމީން އދ.ގައި ތަޤްރީރުކުރައްވާފައެއް ނުވެއެވެ.