ޚަބަރު

ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ތައިލޭންޑްގެ ކަންޓަވާޓް ލީލަވެޗަބުތްރު ކާމިޔާބުކޮށްފި


ފަސޭހަކަމާއިއެކު އިންޑިއާގެ ކެވިން އަރޯކިއާ ވޮލްޓާ ބަލިކޮށް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ތައިލޭންޑްގެ ކަންޓަވާޓް ލީލަވެޗަބުތްރު ކާމިޔާބުކޮށްފި އެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި ވޮލްޓަރ އާއި ވާދަކޮށް ލީލަވެޗަބުތްރު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ދެސެޓުންނެވެ. މިމެޗުގައި ވޮލްޓަރ ކުޅުން ފެނުނީ އެހެން މެޗުތަކާއި ޚިލާފަށް ދަށްކޮށެވެ. މެޗުގެ ފުރަތަމަ ސެޓު ލީލަވެޗަބުތްރު ގެންދިޔައީ ފަސޭހަކަމާއެކު 21-13ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގެ ފުރަތަމަ ކޮޅުގައި ވޮލްޓަރ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައިއެވެ. ނަމަވެސް މާގިނައިރު ސެޓުގެ ވާދަވެރިކަމެއް ނުފެނުނު. ލީލަވެޗަބުތްރު 21-14އިން މިސެޓު ގެންގޮސް މެޗު ކާމިޔާބުކުރިއެވެ. މެޗަށްފަހު ވާހަކަދައްކަމުން ޗެމްޕިއަން ތައިލޭންޑްގެ ކަންޓަވާޓް ލީލަވެޗަބުތްރު ބުނީ މެޗުން މޮޅުވެ ޗެމްޕިއަންކަން ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި، މެޗްގައި ކުޅުނީ ވަރަށް ޕްރެޝަރުގައިކަމަށެވެ. ކޯޓަށް ހޭނެން ގިނައިރު ނެގިކަމަށާއި، އެކަމުގެ ސަބަބުން ގިނަ އުނދަގޫތަކެއް ދިމާވިކަމަށް އޭނާ ބުނެފިއެވެ.

"އަހަރެން ބޭނުމެއްނޫން އެހެން އެއްވެސް ކަމަކަށް ވިސްނާކަށް. ބޭނުންވީ ފައިނަލް މެޗްގައި މޮޅު ކުޅުމެއްދައްކާ މެޗުން މޮޅުވާން. މެޗްގެ ކުރީ ކޮޅުގައި އުދަގޫތަކެއް ހުރިނަމަވެސް ފަހުން ހައްލަކަށް އެޅި، މޮޅު ކުޅުމެއް ކުޅެވުނު. މެޗްއަށް އެރިއިރުގައި އެންމެ ބޮޑަށް ވިސްނީ ހިއްވަރު ދޫކޮށްނުލާ، ހިއްވަރާއެކު މެޗުން މޮޅުވާންކަމަށް. އަދި އިދިކޮޅުން ކުޅޭ ކުޅުންތެރިޔާގެ ކުޅުމަށްވެސް ނުބަލާ، އަމިއްލަ ކުޅުން ރަގަނޅުކޮށް ވީނާވެސް ގިނަ ޕޮއިންޓް ހޯދަން." ތައިލޭންޑްގެ ކަންޓަވާޓް ލީލަވެޗަބުތްރު ބުންޏެވެ.

އިންޑިޔާގެ ވޮލްޓަރ ބުނީ ފައިނަލް މެޗްގައި ކުޅެވުނު ކުޅުމާއި މެދު އެހާ ހިތްހަމަނުޖެހޭކަމަށާއި މިއަށް ވުރެ މޮޅަށް ކުޅެވޭނެކަމަށް އުއްމީދުކުރިކަމަށެވެ. މެޗްގައި ވޮލްޓަރ ކުޅެމުން ގޮސްފައިވަނީ މުބާރާތައް އައުމުގެ ކުރިން ކަކުލަށް ލިބިފައިވާ އަނިޔާއާއިއެކުއެވެ. ވޮލްޓަރ ބުނީ މެޗްގައި އެންމެ ރަނގަޅު ކުޅުން ނުދެއްކުނީ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުންކަމަށް ވޮލްޓަރ ބުނެފިއެވެ

"މެޗްއަށް ނިކުތީ ވަރަށް ރަގަނޅަށް ކުޅުމުގެ އުއްމީދުގަ. ނަމަވެސް މެޗްގެ ސްކޯތަކުންވެސް ތަފާތު ފެނިގެން ގޮސްފި. ކައުކަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަސްލުގައި މާރަގަނޅު ކުޅުމެއް ދެއްކިފައެއްނުވޭ. މެޗް ލަސްކޮށްގެންވެސް ކުޅެން ވަރަށް މަސައްކަތް ކުރިން، އަދި ބައެއް ވަގުތުތަކުގައި އަވަސްކޮށްގެންވެސް ކުޅެން މަސައްކަތްކުރިން. ނަމަވެސް ތައިލެންޑްގެ ކަންޓަވާޓް ލީލަވެޗަބުތްރު މިމެޗްގައި މާރަގަނޅަށް ކުޅުނީ. މެޗްގެ އޮއިވަރު ބަދަލްކޮށްލުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ކަންޓަވާޓް ލީލަވެޗަބުތްރުގެ ހަލުވިކަމުން. މިއީ މިފަހަރުގައި ދިމާވި ގޮތް، ދެން ފަހަރަކުން މިއަށްވުރެއް ރަގަނޅުވާނެކަމަށް މިބަލަނީ." އިންޑިޔާގެ ވޮލްޓަރ ބުންޏެވެ.