ވިޔަފާރި

ކީކިމިނީއަށް މަސް ކިރުވޭނީ ފްރީޒިންގ ޓޭންކްތައް ނިމުމުން - މިފްކޯ


ށ. ކީކިމިނީއަށް މަސް ކިރުވަން ފެށޭނީ ކީކިމީނީ ސްޓޯރޭޖްގައި ޤާއިމްކުރަމުންދާ ފްރީޒިންގ ޓޭންކްތަކުގެ މަސައްކަތް ނިމުމުންކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

އުތުރުގެ މަސްވެރިކަން ތިޔާގިވެ ފެލިވަރުގެ ބަނދަރަށް އޮޑިދޯނިފަހަރުގެ ކިއު ދިގުވާންފެށުމާއެކު ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ 3 ދުވަހުގެ ތެރޭގައި ށ. ކީކިމިނީގައި ތަރައްޤީކޮށްފައިވާ މަސް ސްޓޯރޭޖް އޮޕަރޭޝަނަށް ގެންނާނެކަމަށެވެ. އެހެންނަމަވެސް ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް މިކަމުގެ މަޢުލޫމާތެއް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރ، މުހައްމަދު ދީދީ ވިދާޅުވީ ކީކިމިނީ ސްޓޯރޭޖް މިވަގުތު ހުރީ ތައްޔާރަށްކަމަށާއި ނަމަވެސް މި ސްޓޯރޭޖްގެ އަމަލީ މަސައްކަތް ނުފެށިގެން އުޅޭނީ ސްޓޯރޭޖްގެ ފްރީޒިންގ ޓޭންކް ހަދަމުންދާތީކަމަށެވެ. އޭނާ ވިދާޅުވީ މި ޓޭންކްގެ މަސައްކަތް ނިމުމަށް ދެމަހެއްހާ ދުވަސް ނަގާނެކަމަށެވެ.

"މިވަގުތު އުތުރުގެ މަސްވެރިކަން ދަށްކޮށް މިހުރީ. ކީކިމިނީގެ ސްޓޯރޭޖް ހުރީ ތައްޔާރަށް. އެކަމަކު މިކަމަށް ފުށުއަރައިގެން އުޅެނީ އުތުރުގައި ފްރީޒިންގ ކެޕޭސިޓީއެއް ނެތިގެން. ކީކިމިނީގެ ފްރީޒިންގ ޓޭންކ ތައްޔާރުކުރެވޭނީ އަދި ވެސް ދުވަށްކޮޅެއްފަހުން. އެކޮޅުގެ އިންޖީނިއަރުން ވިދާޅުވަނީ އަދި ދެމަހެއްހާ ދުވަސް ނަގާނެކަމަށް. ނަމަވެސް ބޭނުން ވެއްޖެ ހާލަތެއްގައި މި ސްޓޯރޭޖް ހުރީ ތައްޔާރަށް." މުހައްމަދު ދީދީ ވިދާޅުވިއެވެ.

އިއްޔެގެ ނިޔަލަށްވެސް ފެލިވަރު ބަނދަރުގައި މަސް ކިރުވުމަށް 30 ދޯނިފަހަރު އޮތްކަމަށް މަޢުލޫމާތުލިބެއެވެ. އެހެންނަމަވެސް މިހާރު އުތުރުގެ މަސްވެރިކަން ދަށްވުމާއެކު ވަގުތުން ވަގުތަށް ކީކިމިނީގައި މަސް ސްޓޯރކުރުމަށް އެކުންފުނިން ވިސްނާފައިނުވާކަމަށް މުޙައްމަދު އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް މަސްވެރިކަން ތިޔާގިވެ ފެލިވަރަށް ދަތިވާ ހާލަތެއްގައި ކީކިމިންޏަށް މަސް ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.