ޚަބަރު

ސާކް އާޓިސްޓްސް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް 2019" ރާއްޖޭގައި ފަށައިފި


ސާކް ކަލްޗްރަލް ސެންޓަރުން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ސާކް އާޓިސްޓްސް ކޭމްޕް އެންޑް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް 2019" ރާއްޖޭގައި ފަށައިފިއެވެ.

މި ކޭމްޕް ފެށުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ސަގާފަތާއި ތާރީޙު ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އުފެއްދުންތެރި ފަންނުވެރިން ބިނާކުރުމަށްވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ މި ކޭމްޕް ރާއްޖޭގައި ބޭއްވޭކަމީ އުފާކުރާކަމެއް ކަމަށެވެ. އެގޮތުން މި ކޭމްޕުގެ ސަބަބުން އެކި ޤައުމުތަކުގެ އާޓިސްޓުން ދިމާވެ އެކި ސަގާފަތްތަކާއި ގުޅޭގޮތުން މަައުލޫމާތު އެނގިގެންދާނެ ކަމަށެވެ. އަދި ފަންނުވެރިކަމުގެ ދާއިރާއަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ ދާއިރާއެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ކޭމްޕާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ މި ކޭމްޕް ކުރިއަށްދާނީ ހުޅުމާލޭގައި ކަމަށެެވެ. އަދި ކޭމްޕުގައި ކޮންމެ އާޓިސްޓަކު ކަނޑައެޅިފައިވާ ތީމަކަށް ދެކުރެހުން ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ކުރެހުންތައް މި ކޭމްޕަށްފަހު އާރޓް ގެލެރީގައި ބަހައްޓާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކުރެހުންތައް ސާކުގެ އެހެން ޤައުމުތަކުގައިވެސް ޑިސްޕްލޭ ކުރަން ވަނީ ހަމަޖެހިފައެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕުގައި އަފްޣާނިސްތާން ފިޔަވާ ސާކުގެ ހުރިހާ ޤައުމުތަކުން ބައިވެރިވާ ކަމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން މައުލޫމާތުދެއެވެ.