ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާގޮތް ނާއިބް ރައީސް ބައްލަވާލައްވައިފި


ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި އެރޭ ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތް ނާއިބް ރައީސް ފައިސަލް ނަސީމް ބައްލަވައި ލައްވައިފިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް މިއަދު ކުރެއްވި ޒިޔާރަތުގައި މިދެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވެގެން 500 އަށްވުރެ ގިނަ މީހުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ރެޖިސްޓަރ ކޮށްފައިވާއިރު، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މީހުން ހުސްކުރެވުނު ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެމަސައްކަތް ފުރިހަމަ ކުރެވުމުން އޭގެ ތެރެއިން ރައްކާތެރި ތަންތަން ކަމަށް ކަނޑައެޅޭ އިމާރާތްތަކަށް އަލުން މީހުން ވަނުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ހަމަ އެރޭ ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ އެސެސްމެންޓްތައް މިއަދު ކުރިޔަށްދާކަމަށްވެސް އެއޮތޯރިޓީން ވަނީ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް އެ އޮތޯރިޓީން ވަނީ ނާއިބް ރައީސާއި ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި ނައިބް ރައީސް ވަނީ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހަދިސާއާ ގުޅިގެން އެހީތެރިކަމަށް ބޭނުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކާ ޢާންމުން އަދާކުރި ދައުރު ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.