ވިޔަފާރި

އެޗްޑީއެފްސީން ބޮންޑު ވިއްކަން ފަށައިފި


ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން 80 މިލިޔަން ރުފިޔާގެ ބޮންޑު ދޫކުރަން ފަށައިފިއެވެ.

ބޮންޑު ވިއްކާނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީއެފްސީ އިން 80 ހާސް ބޮންޑު ވިއްކަން ފަށާފައިވާއިރު، ބޮންޑެއް ވިއްކާ އަގަކީ އެއްހާސް ރުފިޔާއެވެ. މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑު ދޫކުރަނީ ހަތް ޕަސެންޓުގައިކަމަށް އެޗްޑީއެފްސީން ބުނެއެވެ.

އެޗްޑީއެފްސީން މީގެކުރިން ވަނީ 2 ފަހަރެއްގެ މަތިން ބޮންޑު ވިއްކާފައެވެ. އެއީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރުގެ ބޮންޑުގެ ފައިސާ ދައްކާފައިވާއިރު، 2018 ވަނަ އަހަރުގެ 2 ޕޭމަންޓް ނިމިފައިވާކަމަށް އެޗްޑީއެފްސީން ބުނެއެވެ.

އެޗްޑީއެފްސީ އުފައްދާފައި ވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެފްސީގެ 18 ޕަސެންޓް ހިއްސާ އާއި އޭޝިއަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އޭޑީބީގެ 18 ޕަސެންޓް ހިއްސާ އަދި އެޗްޑީއެފްސީ އިންވެސްމެންޓް އިންޑިއާގެ 15 ޕަސެންޓް ހިއްސާއާއެކުގައެވެ.