ޚަބަރު

ޓެރަރިޒަމްގެ ބިލަށް އިސްލާޙު ހުށަހަޅަނީ ޓެރަރިޒަމްގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް - އަފީފް


ޓެރަރިޒަމްގެ ބިލަށް އިސްލާޙް ހުށަހަޅަނީ ދުނިޔޭގެ އެކިތަންތަނުގައި ހިންގާފަދަ ޓެރަރިޒަމްގެ ނުރައްކާތެރި ޙަމަލާތަކުން ރާއްޖެ ސަލާމަތްކުރުމަށްކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ބިލަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ވާހަކަ ދައްކަވަމުން ވިފުށީދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވީ، މިބިލުގައި އަސާސީ ހައްޤުތައް ހަނިވާގޮތަށް ހުރިކަންކަން ކޮމިޓީ މަރުހަލާގައި އިސްލާހުކޮށްގެންވެސް މިބިލު ފާސްކުރަންޖެހޭކަމަށެވެ. ރާއްޖެއަކީ ހައްދު ފަހަނައަޅާފައިވާ މީހުންނާއި، ޓެރަރިޒަމްގެ ހަރަކާތްތަކަށް ޖާގަނުދޭ ޤައުމަކަށް ވުމަކީ ސަރުކާރުގެ އަމަޒުކަމަށާއި، މިކަންކަން ކުރެވޭނީ މިބިލަށް ސަރުކާރުން ހުށަހަޅުއްވާ އިސްލާހުތައް ފާސްކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. ޤާނޫނަށް މިގެންނަ އިސްލާހުތަކުގެ ތެރޭގައި އަސާސީހައްޤުތައް ހަނިވާގޮތަށް ބައެއް އިސްލާހުތައް ހުރިއިރު މިކަންކަމަށް ރިޢާޔަތްކުރައްވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިބިލް ފާސްކުރާއިރު ރަނގަޅު މެކޭނިޒަމެއްގެ ތެރެއިން ޓެރަރިޒަމްގެ ކަންކަން ބެލޭގެ އިންތިޒާމު ހަމަޖެހޭނެ އުސޫލުތަކެއް ކަނޑައެޅެންޖެހޭކަމަށް ޤަބޫލުކުރައްވާ ކަމުގައިވެސް ހިސާން ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅުއްވި އިސްލާޙުތަކަށް ތާއީދު ކުރައްވައި ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވަމުންދާ ކަންކަމާއި ޙާލަތަށްބަލައި މިބިލަކީ ފާސްކުރަންޖެހޭ ބިލެއްކަމަށެވެ. ނަމަވެސް މީހުން ހައްޔަތުކުރުމާއި، ބަންދުކުރުމުގައާއި މިފަދަ ބައެއް ކަންކަމުގައި ޤާނޫނުއަސާސީއާ ތަޢާރަޒުވާ ކަންތައްތަކެއް އެބަހުރިކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގައިތިބި ހަރުކަށި ވިސްނުމަށް ތާޢީދުކުރާ ފަރާތްތަކާއި، އެފަދަ ކަންކަން ހިންގަމުންދާ މީހުން ބަންދުކޮށް އަދަބުދެވޭނެ ގޮތަކަށް އިދާރާތަކަށް ބާރުދީގެންވެސް މިކަން ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިބިލް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބެއްކަމަށް ޤަބޫލުކުރަނީ މަރުތަކާއި ގުޅޭ ކޮމިޝަނުނ ބަލަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށްކަމަށެވެ. ވަކިން ޚާއްސަކޮށް ރިޟުވާންގެ މަރާގުޅިގެން އިންސާފު ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަކީ މިބިލުގެ އެންމެ މުހިންމު ބޭނުންކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް މިބިލުން ފުލުހުންނަށް ލިބިދޭ ބާރާއި، އެބާރުތައް ފުލުހުންނަށް ދޭންޖެހޭ ސަބަބު ކޮމެޓީ މަރުހަލާގައި ނަމަވެސް ފުލުހުން ވިދާޅުވެދެއްވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްމަބުންވަނީ ޤާނޫނު އަސާސީން ކަށަވަރުކުރާ އަސާސީ ހައްޤުތައް ހަނިނުވާގޮތަށް މި ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ޓެރަރިޒަމްގެ ޤާނޫނު ބޭނުންކޮށްފައިވަނީ އޭރުގެ ރައީސްކަމުގައި ހުންނެވި ފަރާތުން ބޭނުންވާ ސިޔާސީ މަންފާތަކެއް ޙާސިލް ކުރުމަށްކަމަށާ، އެކަން މިޤާނޫނުގެ ދަށުން ވެގެންނުވާނެކަމަށެވެ. އަދި މިޤާނޫނުގެ ދަށުން ހައްޔަރު ކުރަންޖެހޭނީ ޓެރަރިޒަމްގެ ތުހުމަހު ކުރެވޭ ފަރާތްތަކަމަށާއި ސިޔާސީ ފަރާތްތައް މިޤާނޫނުގެ ދަށުން ހައްޔަރުކުރާ ހައްޔަރުކުރުން ނިމުމަކަށް އަންނަންޖެހޭ ކަމަށްވެސް މެމްބަރުން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭއިރު ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ވަނީ ޓެރަރިސްޓު ޖަމާޢަތްތައްކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާ ޖަމާޢަތްތަކުގެ ލިސްޓެއްވެސް މިޙާރު ޢާންމުކުރައްވާފައެވެ.