ޚަބަރު

ފައިސާނެގުމަށްފަހު އެމްއާރުޑީސީން ހައިޑްރެންޓް ސިސްޓަމް ނިންމާފައެއްނުވޭ - ސިފާ


މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ނަމުގައި ހިންގި ކުންފުންޏަށް މަޖީދީމަގުގައި ހައިޑްރަންޓް ސިސްޓަމެއް ޤާއިމްކުރުމަށްޓަކައި އެމްއެންޑީއެފުން ފައިސާ ހަވާލުކޮށްފައިވާކަމަށާ، އެހެންނަމަވެސް އެސިސްޓަމް ނިންމާފައި ނުވުމަކީ ކަންބޮޑުވާ ކަމެއްކަމުގައި މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ޙާދިސާތަކުގައި ބޭނުންކުރުމަށް ކުރީގެ ސަރުކާރުން މަޖީދީމަގުގައި އަޅާފައިވާ ހައިޑްރަންޓް ސިސްޓަމާ ގުޅޭގޮތުން ކުރީގެ ހައުސުން މިނިސްޓަރ މުޙައްމަދު މުޢިއްޒު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ސިފާ ވިދާޅުވީ ސިސްޓަމެއް ޤާއިމްކުރުމަކީ އޭގެ ބޭނުންކުރެވޭ ވަރަށް ތައްޔާރުވެ ނިމިފައި އޮތުންކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ އެފަދަ ގޮތަކަށް ނޫންކަމަށާ، މަޖީދީ މަގުގައި ހޮޅި އަޅާފައިވީނަމަވެސް ބޭނުންކުރެވޭ ވަރަށް އެކަމުގެ މަސައްކަތް ކުރެވިފައި ނުވާކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިކަމަކީ ޑިފެންސް މިނިސްޓްރީން އޭރު އޮތް އެމްއާރުޑީސީއަށް ފައިސާ ހަވާލުކޮށްފައިވާ މަޝްރޫޢުއަކަށްވާއިރު، މިއަދު އެމްއާރުޑީސީ ކިޔާ ތަނެއް ނެތުމަކީވެސް ސިޓީ ކައުންސިލުން ކަންބޮޑުވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގެ މަޖީދީމަގާއި އެހެން މަގުތަކުގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާކަމަށެވެ. އޭރުގެ ސަރުކާރުން މާލޭގައި ހުރި މިފަދަ ކަންކަން ކުރުމުގައި އަވަސް އަރުވާލައިގެން އެއްވެސް ޕްލޭނެއްނެތި ކޮށްފައިވާ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސިފާ ވިދާޅުވިއެވެ.