ޚަބަރު

އަލިފާނުގެ ޙާދިސާއިން ގިނަބަޔަކު ސަލާމަތްވީ ސަލާމަތީ ބާރުތަކުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން - ޣަފޫރު


މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އިތުރު މީހެއްގެ ފުރާއަށް ނުރައްކާނުވެ ސަލާމަތްވީ، ސަލާމަތީ ބާރުތަކުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުލްޢަފޫރު ވިދާޅުވީ، އެންމެ މީހެއްގެ ފުރާނަ ވަކިވެ ދިއުމަކީވެސް މުޅިޤައުމަށް ލިބޭ ބޮޑު ހިތާމައެއްކަމަށެވެ. މިހާދިސާ ހިނގާފައިވާ ގޮތާއި، އަލިފާން ހިފި ގެތަކަށް ބަލާއިރު މިކަމުގެ ނުރައްކާތެރިކަން ކޮންމެ ރައްޔިތަކަށްވެސް އެގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމުގައި ޤައުމުގެ ސަލާމަތީ ބާރުތައް، އެމްއެންޑީއެފާއި، ފުލުހުން އެޅުއްވި ފިޔަވަޅުތަކަކީ ބަލައި ގަންނަންޖެހޭ ފިޔަވަޅުތަކެއްކަަމަށެވެ. ސަލާމަތީ ބާރުތަކުން މިކަމުގައި ހަރަކާތްތެރިވެފައިވާ ގޮތާއި، އެޅުއްވި ފިޔަވަޅުތައް އަވަސްނުވިނަމަ މިއަށްވުރެ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވީސްކަމުގައި ޢަފޫރު ވިދާޅުވިއެވެ.

"މިޙާދިސާގައި މަރުވި މީހުންގެ އަދަދު މަދުވީ ސިފައިންނާއި، ފުލުހުންނާއި، އާންމުންގެ އެއްބާރުލުމާއިއެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން. އެހެންނޫންނަމަ މިހާދިސާގައި މިއަށްވުރެ ގިނަ މީހުންވެސް މިދުނިޔެ ދޫކުރީސް. މާލެއާއި، މުޅި ރާއްޖޭގައި ހުރި މިފަދަ މައްސަލަތަކުން އަރައިގަންނަންޖެހޭ. ކަނޑުމަތީގައާއި، ރަށްރަށުގައިވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާނެފަދަ އެތައްކަމެއް ފެންނަންއެބަހުރި. މިހާރުން މިހާރަށް މިކަންކަމާއިމެދު ފިޔަވަޅު އަޅަންޖެހޭ"
ޢަފޫރު ވިދާޅުވިއެވެ.

މާލޭގައި މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގާއިރު، މިކަމަށް ފިވަޅު ނޭޅިދާކަމީ ހިތާމައެއްކަމަށްވެސް ޢަފޫރު ވިދާޅުވިއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް އެއްވެސް ރައްކާތެރިކަމެއްނެތި މިފަދަ ހާދިސާތައް ހިނގާނެފަދަ ގޮތަކަށް ގުދަންތަކާއި، ފިހާރަތައް ހެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއްގަމުގެ އިތުރުން ކަނޑުމަތީގައިވެސް ބައެއްކަންކަންހުރީ އެއްވެސް ރައްކާތެރި ކަމެއްނެތް ގޮތަކަށް ކަމަށާއި، މިކަމަށްވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެތައްބަޔަކު ގޮވައިން ދަތުރުކުރާ އުޅަދުތަކުގައި ސަލާމަތީ ފިޔަވަޅުތައް އެޅޭނެ އެއްވެސް ގޮތެއް ނެތި ދުއްވާ އުޅަދުތައް މިހާރުވެސް ހުރި އިރު މިކަންކަން ހުއްޓުވެންޖެހޭކަމަށާއި، މިފަދަ އުޅަދެއް ކަޑުވެ ހިތާމަވެރި ކަމެއް ދިމާވެއްޖެނަމަ ދިމާވާނެ ހިއްދަތިކަން މާބޮޑުވާނެކަމަށްވެސް ޢަފޫރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުން މިކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި ހަރުދަނާ ގޮތެއްގައި އުސޫލުތައް ހެދި ތަންފީޒުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމެށެވެ.