ޚަބަރު

އެމްއެންޑީއެފް އިން ދަނީ އަލިފާންރޯވި ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަމުން


އަލިފާންރޯވި ސަރަޙައްދު ސާފުކުރަމުންދާއިރުވެސް އަލިފާނުގެ ޙާދިސާއެއް ހިނގާފާނެކަމަށްބަލައި އެމްއެންޑީއެފްގެ ފަޔާ ޓީމުން 24 ގަޑިއިރު އެތަން ބަލަހައްޓަމުންދާކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާގައި ރޯވި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް އެސަރަހައްދު އެމްއެންޑީއެފާއި ފުލުހުނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ގިނައަދަދެއްގެ ކެމިކަލްރައްކާކޮށްފައިވާ ގުދަނަކާއި، ގޮވާޒާތުގެ ސާމާނުހުރި ސަރަހައްދަކަށްވުމުން އަލިފާންގަނޑު ކޮންޓްރޯލްވި ކަމުގައި ވީނަމަވެސް ސާފުކުރަމުންދާ ދަނޑިވަޅުތަކުގައިވެސް ކޮންމެވެސް ވަރަކަށް އަލިފާންރޯވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
އިއްޔެރޭ ރޯވި އަލިފާނަކީވެސް މިގޮތަށް ރޯވި ރޯވުމެއްކަމަށާ، ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް ސިފައިންގެ ފަޔަރ އެންޑް ރެސްކިއުޓީމުން ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާންގަނޑު ނިންމާވާލުމުން އެސަރަހައްދުން ވަރަށްބޯކޮށް ދުން އަރާފައިވެއެވެ. އަލިފާންރޯވި ސަރަހައްދު ސާފުކުރަމުންދާއިރު އަދިވެސް ދުންއެރުމުގެ ފުރުސަތު އޮތުމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުކުރުދުވަހުގެރޭގެ އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު އޮންނަނީ ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދަނީ ސިފައިންނާއި ފުލުހުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސާފުކުރަމުންދާއިރުވެސް ފަޔާ އެންޑް ރެސްކިއުޓީމުން 24 ގަޑިއިރު ފަޔާ ވެހިކަލާއެކު އެސަރަހައްދު މޮނިޓަކުރަމުން ދާނެކަމަށެވެ.