މުނިފޫހިފިލުވުން

ރިތިކާއި ޓައިގަރގެ ޑާންސް-އޮފްއަށް ގިނަ ބައެއްގެ ތަޢުރީފު


"ވަރ" އަކީ ހިންދީ އެކްޝަން ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުން މިހާރު އެންމެ އިންތިޒާރު ކުރާނެ އެއް ފިލްމެވެ.

ރިތިކް ރޯޝަނާއި ޓައިގަރ ޝްރޮފް އެކުގައި ފެނިގެންދާ ފިލްމް "ވަރ"ގެ އޮފިޝަލް ޓްރެއިލަރ ޔޫޓިއުބްގައި އާއްމުކޮށްފައިވާއިރު، މިއީ ދެ ފަންނާނުގައި އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ރިތިކް ރޯޝަނާއި ޓައިގަރ ޝްރޮފްގެ މިޒާޖުގައި އެއްގޮތް ކަންތައްތަކެއް ހުރެފައި، ދެ ތަރިންނަކީވެސް ނެށުމުގައި ދާދި އެއްގޮތްކަމެއް ގެންގުޅޭ ދެ ތަރިންކަމުން، މި ދެ ފަންނާނުން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކު ދެކެމުންދިޔަ ހުވަފެނެކެވެ.

އަންނަމަހުގެ ދެވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި ފިލްމުގެ ބައެއް ވީޑިއޯ ލަވަތައް މިހާރު މިވަނީ އާއްމުކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގެން ލަވައަކީ ރިތިކާއި ޓައިގަރގެ ވަރުގަދަ ޑާންސް-އޮފްއެއް ފެނިގެންދާ "ޖޭ ޖޭ ޝިވްޝަންކަރް" މި ލަވައެވެ.

މިއީ ނެށުމުގައި އެފަދަ ދެވަނައެއް ނެތްކަމަށް ގިނަ ބަޔަކު ބުނާ ރިތިކާއި އަރަމުން އަންނަ ތަރި ޓައިގަރގެ ނެށުމުގެ ކުޅަދާނަކަމާއި ހުނަރުވެރިކަން ބޮޑު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. "ސެލެބްރޭޝަން ތީމް"އަކަށް ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ވިޝާލް ދަޑްލާނީއާއި ބެނީ ޑަޔާލެވެ.

މި ލަވައިގެ ވީޑިއޯ އާއްމުކުރުމާއެކު މި ދެ ފަންނާނުންގެ ފޭނުންގެ މެދުގައި ކުޑަވަރެއްގެ ހަނގުރާމައެއްވެސް ސޯޝަލް މީޑިއާގައި މިވަނީ ފެށިފައެވެ. ޓައިގަރއާއި އަޅާބަލާއިރު ރިތިކްއަކީ ފިލްމީ ދާއިރާގައި ސީނިއަރ މީހަކަށްވެފައި، ތަޖުރިބާ ހުރުމާއެކު، މި ދެ ފަންނާނުން އަޅާ ނުކިޔޭނެކަމަށް އެއްބަޔަކު ބުނަމުންދާއިރު، ނެށުމުގައި ރިތިކްއާއި ފައިހަމަ ކުރެވޭނެ ވަރުގެ ތަރިއަކު ބޮލީވުޑްގައި ނެތްކަމަށް އަނެއްބަޔަކު ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް މި ލަވަ ޔޫޓިއުބްގައި އާއްމުކުރިތާ 24 ގަޑިއިރުގެ ތެރޭގައި 11 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ލަވައިގައި ފެނިގެންދާ ހިތްގައިމުކަމާއި ނެށުމުގެ ކުޅަދާނަކަމަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ.

ކާމިޔާބު ފިލްމުތަކެއް ބޮލީވުޑަށް ނެރެފައިވާ "ޔާޝް ޗޯޕްރާ"ގެ ކުޑައިގެ ދަށުން އުފައްދާ އެކްޝަން ފިލްމް "ވަރ" ޑައިރެކްޓުކޮށްފައިވަނީ 2014 ވަނަ އަހަރު ނުކުތް ފިލްމް "ބޭންގް ބޭންގް"ގެ ޑައިރެކްޓަރ ސިދްހާދް އާނަންދެވެ. މި ފިލްމްގެ ޝޫޓިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، މިއީ މިއަހަރު ބޮލީވުޑް ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރިތިކާއި ޓައިގަރގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާ މުހިއްމު މޫނުތަކުގެ ތެރޭގައި ވާނީ ކަޕޫރާއި، އަޝޫތޯޝް ރާނާއި، ދަލިޕް ތާހިލް ހިމެނެއެވެ.

އެކްޝަން ތްރިލަރ ފިލްމް "ވަރ" އަކީ ރިތިކާއި ޓައިގަރގެވެސް މިއަހަރު ރިލީޒްކުރާ ދެވަނަ ފިލްމެވެ. ޓައިގަރގެ މިއަހަރުގެ ފުރަތަމަ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" މޭމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، ރިތިކްގެ "ސުޕަރ-30" ވަނީ ޖުލައިމަހުގެ 12 ވަނަ ދުވަހު ރިލީޒްކޮށްފައެވެ.