ވިޔަފާރި

ޕާޓާ ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕްރޭޓާރސް (މަޓާޓޯ) އިން ޕާޓާ ޓްރެވެލް މާރޓްގައި ބައިވެރިވެއްޖެއެވެ.

ފެސިފިކް އޭޝިޔާ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) ޓްރެވެލް މާޓް ފަށާފައިވަނީ ބުރާސްފަތި ދުވަހު ކަޒަކިސްތާންގެ ވެރިރަށް އާސްޓާނާގައެވެ. 2 ދުވަހުގެ މި އިވެންޓުގައި ދުނިޔޭގެ 60 ހިސާބަކުން 1000 ޑެލިގޭޓުން ވަނީ ބައިވެރިވެފައެވެ.
މިއީ ޕާޓާ ޓްރެވެލް މާޓް ބާއްވާ 42 ވަނަ އަހަރެވެ.

ޕާޓާ ޓްރެވަލް މާޓަކީ އޭޝިއާ ޕެސިފިކް ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފެއަރއެކެވެ. މަޓާޓޯއާއި ޕާޓާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާޓާ ޓްރެވެލް މާޓުގައި ރާއްޖެ އިޝްތިހާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މަޓާޓޯއިންނެވެ. މަޓާޓޯ އާއިއެކު ރާއްޖޭގެ 2 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

1951 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. މިގޮތުން ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި، ދާއިރާއަށް ތައާރަފްވާ އެންމެ ފަހުގެ ވަސީލަތްތައް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަކީ މި ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.