ޚަބަރު

ކެމިކަލް ގުދަންކުރުމަށް ތިލަފުށީގައި ޙާއްސަ ސަރަޙައްދެއް ތަރައްޤީކުރަނީ


މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ ޚާއްސަ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ، މުދަލާއި ކެމިކަލްފަދަ ތަކެތި ރައްކާކުރުމަށް ތިލަފުށިން ޚާއްސަ ޕްލޮޓެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާފައިވާ އިރުޝާދުގެ ދަށުން އެތަން ތަރައްޤީކުރުމުގައި އެކުންފުނީގެ މައިގަނޑު ވިސްނުމަކީ ގުދަން ހިންގުމަށް ބިން ދޫކުރުމުގެ ބަދަލުގައި، އެކުންފުނީގެ ފަރާތުން ގުދަންތައް ހެދުމަށްފަހު، އެތަންތަން ހިންގުމަށް ދޫކުރުންކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"ރައީސް އިރުޝާދު ދެއްވާފައިވަނީ އެގޮތަށް ބިން ދޫކޮށްލައިފިނަމަ އެކިތަންތަނުގެ ފެންވަރު ތަފާތުވެ، އެކި މީހުން އެކިގޮތަށް، ސަލާމަތީ ކަންކަންވެސް އެކި ފެންވަރުގައި ގުދަންތައް ހަދައިގެން ހިންގަފާނެކަމަށްޓަކާ، އަޅުގަނޑުމެން ކުންފުނިން ގުދަން ހަދާ ނިންމުމަށްފަހު، ސަލާމަތީ ފިޔަވަޅުތައް ހިމެނޭގޮތަށް ގުދަންތައް ނިންމުމަށްފަހު ހަވާލުކުރުމަށް.. އެކަން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.. އަދި މަދު މަސްކޮޅެއްގެ ތެރޭގައި އެތަންތަން ނިންމާ އަޅުގަނޑުމެން ދޫކުރަން ފަށާނަން.." އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ، ގުދަންތައް ތަރައްޤީކުރުމަށް ތިލަފުށީގައި ކަނޑައަޅާފައިވާ ބިމުން މަދުވެގެން 2000 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 200 ގުދަނަށް ޖާގަ ދެވޭނެކަމަށެވެ. ނަމަވެސް މިވަގުތު އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭނީ މިވަގުތުން މިވަގުތަށްވެސް މާލެއިން ބޭރަށް ބަދަލުކުރަންޖެހޭ ގުދަންތަކަށް ތިލަފުށިން ޖާގަ ކަނޑައެޅުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާވާފައިވާ ޕްރޮޖެކްޓް، އެގޮތުގައި ކުރިއަށްގެންދެވިއްޖެނަމަ މަދުވެގެން 2000 އާއި 3000 އަކަފޫޓާއި ދެމެދުގެ 200 ގުދަނަށް އަޅުގަނޑުމެންނަށް ޖާގަދެވޭނެ.. އެހެންނަމަވެސް ރޭގެ ޙާދިސާއާއި ގުޅިގެން މުޅި ޕްރޮޖެކްޓް ރޭވިފައިވާގޮތް ބަދަލުކޮށް އެއަށްވުރެ އަވަހަށް، އަވަސް މުސްތަޤުބަލެއްގެ ތެރޭގައި މިހާރު ހުރި އިމީޑިއޭޓްކޮށް ރީލޮކޭޓްކުރަންޖެހޭ ގުދަންތަކުގެ ކަންކަން ނިންމާލެވޭތޯ މިދަނީ މަސައްކަތް ކުރަމުން.." ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވިއެވެ.

މާލޭގައި އެކަނިވެސް 126 ކެމިކަލް ގުދަން މިވަގުތުވެސް އޮޕަރޭޓްކުރަމުންދާއިރު، ފަހަކަށް އައިސް އެފަދަ ތަންތަނުގައި ހިނގާ އަލިފާނުގެ ނުރައްކާތެރި ޙާދިސާތައް އިތުރުވަމުންދިއުމާއެކު، މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަންތައް ހިންގުން މަނާކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ. އަދި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.