 
										
			އެއީ މީގެ 12 އަހަރުކުރިން 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަދުވަހެވެ. ހެނދުނު ހެނދުނާ ގަޑިން ނުވައެއްވެސް ނުޖަހަނީސް އިވިގެންދިޔައީ މާލޭގެ ހަނި މަގެއްގައި ހުރި ގަރާޖެއްގައި ރޯވެ އަދަން ފެށި ވާހަކައެވެ. މާ ގިނައިރުތަކެއް ނުވަނީސް ބޮޑުވި އެހުޅުގަނޑު ނިންވާލެވުނުއިރު މުޅި ގަރާޖާއި އެގަރާޖާ އިންވެގެން ހުރި ގެތަކާއި ކުރިމަތީގައި ހުރި އެތައް ގެއެއްގެ މީހުންގެ ދިރިއުޅުން އަނދައި އަޅިއަށް ހަދާލިއެވެ. މީ ގަލޮޅު މޯރީ ގަރާޖުގެ މަޝްހޫރު އަލިފާނުގެ ޙާދިސާގެ ވާހަކައެވެ.
އޭގެ 10 އަހަރު ފަހުން 2016ގައި އަނެއްކާވެސް އެއަށްވުރެ ނުރައްކާތެރި ހާދިސާއެކެވެ. މި ފަހަރު މާލޭގެ އެންމެ ކާރު ބާރު ބޮޑު މަޖީދީމަގުގެ މެދުގައި ހުރި ކޯސްޓްލައިންގެ ގުދަނެއްގައި ރޯވި އަލިފާންގަނޑު ތިން ގަޑިއިރެއްހާއިރު ފަހުން ކޮންޓަރޯލް ކުރެވުނީ އެތަން ވަށައިގެން ހުރި އެތައް ގެއަކާއި އެތައް ބައެއް މުދަލާއި ފައިސާ އަނދާ ހުލިވިފަހުންނެވެ.
އެ ހަދާންތައް މުޅިހެން ފިލައިގެން ނުދަނީސް މިފަހަރު އެއަށްވުރެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް އިއްޔެ ރޭ ހިނގައި އަލިފާން ކޮންޓްރޯލްވީ އެކެއްގެ ފުރާނަ ގެއްލި ހަތަރު ސަތޭކަ ވުރެ ގިނަ މީހުންގެ ގެދޮރާއި މުދާ ގެއްލި މަގުމަތި ވެގެންނެވެ. މިފަހަރުވެސް މާލޭގެ ހަނި މަގެއްގައިހުރި ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެކެވެ.
		
 
										
			މިއިން ކޮންމެ ހާދިސާއަކަށްފަހުވެސް އިވުނީ އެއް ވާހަކަތަކެވެ. މާލެ ތެރޭގައިހުރި ގުދަންތަކާއި ގަރާޖުތައް މާލެއިން ބޭރުކުރާ އަޑެވެ. އެހެންމަވެސް ރޭގެ ހާދިސާގައި ކަމާނުގުޅޭ ކުށެއްނެތް މަޢުސޫމެއްގެ ފުރާނަ ގެއްލިގެން ދިޔައިރުވެސް މާލޭގެ އެންމެބައިބޯ ސަރަހައްދުތަކުގައިހުރި ގަރާޖުތަކުގައި މަސައްކަތް ހުއްޓާނުލައި ކުރަމުންދަނީއެވެ. ގުދަންތަކަށް ވައްދާވަރުން ކެމިކަލާއި ފަސޭހައިން އަލިފާން ހިފާ އެތައްސަތޭކަ އެއްޗެއް ވައްދާ ގުދަންކުރަނީއެވެ. 
2016 ގައި ކޯސްޓަލައިން ހާޑުވެއަރގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ދެންމެ ދެންމެ މާލެއިން ބޭރަށް ގަރާޖުތަކާއި ވޯކްޝޮޕްތައް ހިގައިދާނެހެން ހީވިއެވެ. އެކި ނަންނަމުގައި އޮޕަރޭޝަންތައް ފަށާ މާލޭގައި ހުރިއްޔާ ހުރި ގަރާޖަކާއި ގުދަނެއް ބަލާ ފާސްކުރިއެވެ. އަދި އެތަންތަނުގައި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ ސަލާމަތްވެވޭނެ ގޮތެއް ނެތްކަންވެސް ހުރިހާ ދިވެހިންނަށް އެންގިއެވެ. އެވަރަކުން ނިންމާލީކީ ނޫނެނެވެ. 
ގަރާޖުތަކާއި ވޯކްޝޮޕްތައް މާލޭގައި މީހުން އުޅޭ ސަރަހައްދުން ބޭރުކުރުމަށްކަމަށް ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މާލޭގެ ހުޅަނދު ދެކުނު ފަރާތުން ބައެއް ހިއްކައި މާލެ ބޮޑުވެސްކުރިއެވެ. އެހެންނަމަވެސް އެ ބިން ހިއްކައި ނިމިފައި އޮންނަތާ އެތައްދުވަސްތަކެއް ފަހުން ކުރީގެ ސަރުކާރު ނިމިގެން ދިޔައިރުވެސް އެތަނަށް ބަދަލުވި ގަރާޖެއް ވޯކްޝޮޕެއް ނެތެވެ. ވީހާވެސް ކަމަކީ އެބިމަށް އެކި ފާޑުގެ ދަނގަޑާއި އެކި އެހެނިހެން ތަކެތި އަޅާ ކުނި ގޮނޑަކަށްވީއެވެ. ހުރީ ހަމައެކަނި ބަސް ޓާމިނަލަކާއި ފިޔާ އަލުވި ބިސް ރައްކާކުރާ ގުދަނަކެވެ.
		
 
										
			މި ފަދަ ކޮންމެ ހިތާމަވެރި ހާދިސާއެއްގައިވެސް ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންނަށް އެތައް ހާސް ރުފިޔާގެ ގެއްލުންވެ އެތައް ދުވަހަކުން ބިނާކުރި ދިރިއުޅުން މަދު ސިކުންތުކޮޅެއްގައި ފުނޑުފުނޑު ވެގެންދެއެވެ. ރޭގެ ހާދިސާއަށް ވިސްނާލަމާހެއްޔެވެ. 
ރޭގެ ހާދިސާ ހިނގިތާ ސައުވީސް ގަޑިރު ވާން ގާތްވިއިރުވެސް ރޯވި ގުދަނުގެ ވެރި ފަރާތަކީ ކާކުކަން އަދިވެސް ނޭގެއެވެ. އަދި އެތަނުގައި ހުރީ ކޮންކަހަލަ ކެމިކަލެއްކަންވެސް ނޭގެއެވެ. އަދި އެގުދަނުގެ ވެރިން ނުކުމެ ރައްޔިތުން ކިބައިން މައާފަށް އެދުނު ތަނެއްވެސް ނުފެނެއެވެ. 
ގެއްލުންވި މީހުންނަށް ސަރުކާރުން ކޮންމެވެސް ވަރެއް ދޭނެތާއެވެ. އެހެންވީމާ އެނިމުނީ ނޫން ހެއްޔެވެ؟ 
		
			ރޭގެ ހާދިސާއަށް ފަހު އަނެއްކާވެސް މި ވަނީ ގަރާޖުތަކާއި ގުދަންތައް މީހުން ނޫޅޭ ހިސާބަށް ބަދަލަކުރަން ސަރުކާރުން މަސައްކަތް ފަށާފައެވެ. ހާދިސާއަށް ފަހު ވަޒީރުން އެތަންވެ މިކަމަށް އަވަސް ޕެލޭނެއް ހައްދަވައި މަސައްކަތް ފަށަން މިވަނީ އެއްބަސްވެވަޑައިގެންފައެވެ. މާލެއިން ބޭރަށް ތަންތަން ގެންދާނެކަމުގެ ޔަޤީންކަން މިވަނީ ދީފައެވެ. 
މާލޭގެ އެންމެ ހަލަބޮލި ބައިބޯ ސަރަހައްދުތަކުގައި ހުރި ގުދަންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާއްމުވުމުން އެތަންތަން ބަދަލުކުރަން މަޖިލީހުގެ މެމްބަރުންވެސް މިވަނީ ގޮވާލައްވާފައެވެ. 
ތެދެކެވެ. އެތައް ޒަމާނެއްވީ ގުދަންތަކާއި ގަރާޖުތައް ބަދަލުކުރަން އެކަށީގެންވާ ރަގަޅު ޕްލޭނެއް ބޭނުންވާނެއެވެ. އެހެންނަމަވެސް މިޕްލޭން ހަދާތަން ބަލަން ތިބެ އަނެއްކާވެސް އިތުރު މީހެއްގެ ފުރާނަ ގެއްލޭކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ.
ރޭގެ ހާދިސާއަށްފަހު ސަރުކާރުން ނިންމި ނިންމުންތަކަށް އައްސަރި ބަހާއި ސާބަހެވެ. އެހެންނަމަވެސް މި މަސައްކަތް ނިންމާލަން މިފަހަރު 10 އަހަރު ހޭދަވިޔަ ނުދެއްވާށެވެ. އަދި ގަރާޖުތައް ބަލާ ފާސްކޮށް ގެންގުޅުން މަނާތަކެތި ބަހައްޓާފައިވާ ފަރާތްތަކާއި މެދު ޤާނޫނު ތަންފީޒުކޮށްދެއްވާށެވެ. އަދި ޤާނޫނާއި ޚިލާފު ޢަމަލުތަކުން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ފުރިހަމަ ބަދަލު އެ ބައެއްގެ އަތުން ނަގާދެއްވާށެވެ. 
މާލޭގައި މިފަދަ އެތައް ގަރާޖަކާއި ގުދަންތަކެއް އެބަ ހުއްޓެވެ. އަވަހަށް ނަގާ މާލެއިން ނުވަތަ މީހުން އުޅޭ ސަރަހަދުން ބޭރުކޮށްދެއްވާށެވެ.