ޚަބަރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާއ ދެމެދު މި 3 އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖެއާއެކު ޗައިނާއިން ސޮއިކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު އެއްބާރުލުންދީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހި ކުރުމާ ގުޅޭ އެއްބަސްވުމަކާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެވުނު އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެއްބަސްވުމެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ދެޤައުމުގެ ދެ ފޮރިން މިނިސްޓްރީއާ ދެމެދު ގުޅުންބަދަހި ކުރުމަށް ވެވުނު އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި ބައިލޭޓްރަލް އަދި މަލްޓިލޭޓްރަލް އެކި ކަންކަމުގައި ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެއެވެ.