ޚަބަރު

މިނިސްޓަރ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި


މިނިސްޓަރ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޗައިނާގެ ސްޓޭޓް ކައުންސެލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހިޒް އެކްސަލަންސީ ވާންގް ޔީ އާއި ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގެ ޑިއައޯޔުޓާއި ސްޓޭޓް ގެސްޓްހައުސްގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓަރ ވާންގް ގެ ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއިއެކު ޗައިނާއިން ބާއްވަމުން އަންނަ ގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ "ވަން ޗައިނާ" ޕޮލިސީ ދަމަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވާންގް އަށް އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް، ޚާއްސަކޮށް ސިނާޢީ ތަރައްޤީއަށާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު ދެންނެވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުއާއި، ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ ބައްސާމާ ފާރޫޤު ބައިވެރިވެވަޑައިގަންނަވައެވެ.