ޚަބަރު

މާލެ ސަރަޙައްދައް ޚާއްޞަކޮށްގެން 4200 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއެއް


އަންނަ ނޮވެމްބަރު މަހު މާލެ ސަރަޙައްދުގައި 4200 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުއެއް ފައްޓަވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްސާ ކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ މުޅި ރާއްޖެއަށް ބަހާލައިގެން ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ. ސަރުކާރުގެ ހައުސިންގ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު މާލެ ސަރަޙައްދުގައި 4200 ހައުސިންގ ޔުނިޓްގެ ބިޔަ މަޝްރޫޢުއެއް ފެއްޓެވުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެކި އަތޮޅުތަކަށް ޢަމާޒުކޮށްގެން އިމާރާތްކުރަން ނިންމާފައިވާ 5000 ހައުސިންގ ޔުނިޓްގެ ތެރެއިން ބައެއް ރަށްތަކުގައި މިހާރު މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކި އަތޮޅުތަކަށް އަމާޒުކޮށްގެން އިމާރާތްކުރާ ސޯޝަލް ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ:

  • ލ.ފޮނަދޫ – 50ހައުސިންގ ޔުނިޓް
  • ގދ.މަޑަވެލި – 22 ހައުސިންގ ޔުނިޓް
  • ފުވައްމުލައް ސިޓީ – 200ހައުސިންގ ޔުނިޓް
  • އައްޑޫ ސިޓީ ހުޅުމީދު – 48 ހައުސިންގ ޔުނިޓް
  • ގދ.ގައްދޫ – 50 ހައުސިންގ ޔުނިޓް
  • އައްޑޫ ސިޓީ ހިތަދޫ – 264 ހައުސިންގ ޔުނިޓް
  • ގއ.ވިލިނގިލި – 52 ހައުސިންގ ޔުނިޓް
  • ގދ.ހޯޑެއްދޫ – 40 ހައުސިންގ ޔުނިޓް

ރަޢީސް ވިދާޅުވީ ހައުސިންގ މަޝްރޫޢުތަކުގައި ޢާއްމުނަން އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ، ބޮޑުއަގުގައި ފްލެޓްތައް ދޫކުރަން ފެށުމުށް، އެއަށް އަގު ދައްކަން ދަތިވުން ކަމަށެވެ. އެގޮތުން މިހާރުވެސް އެކި މަޝްރުޢުތަކުގައި އިމާރާތްކޮށްފައިވާ 7491 ޔުނިޓް ނުވިކި ހުރިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރިން ސަރުކާރުން ފެށި މަޝްރޫޢުތަކުގެ އަގު ކުޑަކުރުމަށް، ނުވަތަ ދިގު މުއްތައް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމަޒަކީ ހައުސިންގ ޔުނިޓުތަކަށް މަހަކު 7000 އަށްވުރެ ބޮޑު ފީއެއް ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުން ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަން އެބަ ފްލެޓްތަކަށް ފައިސާ ދެއްކޭނެ ގޮތް ފަސޭހަކޮށްދިނުމަށް. 3، 2 މިލިއަން ރުފިޔާ ދީފައި ޕްލެޓް ގަނެވޭނެ މީހަކު މަދުވާނެ. ނުދައްނަވާނަން 500 މިހުން އުޅޭނެއޭވެސް، 1ހާސް ހަމަގައިމުވެސް ނޫޅޭނެ. 7400 ޔުނިޓް އެބަހުރި ނުވިކި، 16 ބިލިއަން އެބަ ބޭނުންވޭ. ބީއެމްއެލްގައި ހުރީ 4 ބިލިއަން. މިއީ އުސޫލެއް ނެތި ކުރީމަ ވާގޮތް" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އާ މަޝްރޫޢުތައް ނުފަށާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރަޢީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް 6 ރަށުގެ ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އަންނަ މަސް ނިމޭއިރު 21 ރަށެއްގެ ބަނދަރުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި 4 ރަށުގެ މިސްކިތާއި، 6 ރަށުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި 2 ރަށުގެ މަގު ހެދުމުގެ މަސައްކަތް ހަވާލުށްފައިވާއިރު، ފެނާއި ނަރުދަމާގެ 20 މަޝްރޫޢު ހަވާލުކޮށް، އިތުރު 14 ރަށުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަދުވެގެން 20ރަށުގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ނޮވެމްބަރުގައި ފަށާނެކަމަށެވެ.

މީގެއިތުރުން 12 ސްކޫލުގެ ކްލާސްރޫމްގެ މަސައްކަތް ފަށައި، 4 ރަށުގެ ސްކޫލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އަންނަ މަސް ނިމެންވާއިރަށް 35 ސްކޫލްގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ފެނަކައިން މިހާތަނަށް ރަށްރަށަށް 53 ޖަނެރޭޓަރު ގެންދިއުމާއި، މީހުން ނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތް 16ރަށުގައި ފަށާފައިވާކަމަށެވެ. މިކަމަށް ސަރުކާރުން 150މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ސަރުކާރުންވަނީ މިއަހަރުގެ މިހާތަނަށް 67 ރަށުގައި ޢުމްރާނީ ތަރައްޤީގެ 77 މަޝްރޫޢު ފަށާފައެވެ.