ވިޔަފާރި

އިންކަމް ޓެކްސް އާއި މިނިމަމް ވޭޖުގެ ބިލް މިއަހަރު މަޖިލީހަށް ހުށައަޅުއްވާނަން - ރައީސް


އިންކަމް ޓެކްސްގެ ބިލާއި، މިނިމަމް ވޭޖުގެ ބިލް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ، އިންކަމް ޓެކްސްގެ ޤާނޫނުގެ ޑްރާފްޓް ކަމާއިގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު މިހާރު ނިމިފައިވާކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ދައުރުގައި އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށައެޅިގެންދާނެކަމަށެވެ. މީގެއިތުރުން މިނިމަމް ވޭޖްގެ ބިލްވެސް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށައަޅާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އިންކަމް ޓެކްސްގެ ޤާނޫނޫގެ ޑްރާފްޓް މިހާރު ވަނީ ނިމިފައި. ކަމާއިބެހޭ ފަރާތްތަކާއިއެކުގައި މަޝްވަރާކުރުމަށްފަހުގައި ކުރިއަށްއޮތް ދައުރުގައި އިންކަމް ޓެކްސްގެ ބިލް ހުށައެޅިގެންދާނެ. ހަމައެގޮތައް މިނިމަމް ވޭޖްގެ ބިލް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މަޖިލީހަށް ހުށައަޅާނަން." ރައީސް ވިދާޅުވިއެވެ.

މިނިމަމް ވޭޖްގެ ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމާއިބެހޭ ބިލެކެވެ. އަދި އިންކަން ޓެކްސްގެ ބިލަކީ ބޮޑެތި އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ އަތުން ޓެކްސް ނެގުމާއި ގުޅޭ ބިލެވެ.

ރާއްޖެއަށް އިންކަމް ޓެކްސް ތަޢާރަފްކުރުމާއި މިނިމަމް ވޭޖް ރޭޓެއް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.