މުނިފޫހިފިލުވުން

އޭޖީޓީގެ 14 ވަނަ ސީޒަންގެ ކާމިޔާބީއާއެކު ކޯޑީ ތާރީޚުގެ ތެރެއަށް


"އެމެރިކާސް ގޮޓް ޓެލެންޓް" އޭ.ޖީ.ޓީއަކީ ރިއަލިޓީ ޝޯވތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝޯވއެކެވެ.

2006 ވަނަ އަހަރު އޮން-އެއަރކުރަން ފެށި މި ޝޯވގެ 14 ވަނަ ސީޒަން ކާމިޔާބުކަމާއެކު މިހާރު ނިންމާލާފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބެލުންތެރިން ޝަޢުގުވެރިކުރުވާނެ އެތައްކަމެއް ފެނިގެންގޮސްފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ އެއްކަމަކީ މިފަހަރުގެ ސީޒަން ކާމިޔާބުކުރި އުމުރުން 22 އަހަރުގެ ކޯޑީ ލީއެވެ.

ޙާއްސަ އެހީއަށް ބޭނުންވާ މީހަކަށް މިފަދަ ބޮޑު ރިއަލިޓީ ޝޯވއެއް ކާމިޔާބުކުރެވިދާނެތޯ މިއީ ގިނަ ބަޔަކު އުފައްދާނެ ސުވާލެއްކަން ޔަޤީނެވެ. ނަމަވެސް ކޯޑީ މިވަނީ ޙާއްސަ އެހީއަށް ބޭނުންވާ މީހަކަށްވެސް މި ޝޯވ ކާމިޔާބުކުރެވިދާނެކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ އަދި އޯޓިޒަމް ހުންނަ ކޯޑީ ލީ މިވަނީ އޭ.ޖީ.ޓީގެ 14 ވަނަ ސީޒަން ކާމިޔާބުކޮށް، އޭނާ ފަދަ އެތައް ބަޔަކަށް އުއްމީދު ގެނުވައިދީފައެވެ.

އޭ.ޖީ.ޓީގެ މިފަހަރުގެ ސީޒަން ކޯޑީ ކާމިޔާބުކޮށްފައިވަނީ ބޮޑު ކޮޔަރ ގްރޫޕެއްކަމަށްވާ "ޑެޓްރިއޮޓް ޔޫތް ކޮޔަރ"އާއި ވާދަކޮށެވެ. މި ޝޯވ ކާމިޔާބުކުރުމާގުޅިގެން 1 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމުގެ އިތުރުން، މިއަންނަ ނޮވެމްބަރުމަހުގެ 7 އިން 10 އަކަށް ލަސްވޭގަސްގެ ޕެރިސް ހޮޓެލް ކެސީނޯގައި ޕަރފޯމްކުރުމުގެ ފުރުޞަތުވެސް އޭނާއަށް ވަނީ ލިބިފައެވެ. ކޯޑީއަށް މި ލިބުނު ކާމިޔާބީ އޭނާ ސިފަކޮށްފައިވަނީ މުޅި ދިރިއުޅުން ބަދަލުކޮށްލި، ޤަބޫލުކުރަން ދަތިކަމެއްގެ ގޮތުގައެވެ.

އޭ.ޖީ.ޓީގެ ފިނާލޭގައި ކޯޑީ ހުށަހަޅާދީފައިވަނީ 2017 ވަނަ އަހަރު ރިލީޒްކުރި ފްރެޔަރ ރައިޑިންގްސްގެ މަޝްހޫރު ލަވައެއްކަމަށްވާ "ލޮސްޓް ވިތްއައުޓް ޔޫ"ގެ ކަވަރ ވާޝަނެކެވެ. ހަމައެހެންމެ އެކްސް ފެކްޓަރ ކާމިޔާބުކޮށް ގްރެމީ އެވޯޑްސްއަށް ތިން ފަހަރު ނޮމިނޭޓްވެފައިވާ ލިއޯނާ ލެވިސްއާއެކު ކެލަމް ސްކޮޓްގެ ހިޓް ލަވައެއްކަމަށްވާ "ޔޫ އާ ދަ ރީޒަން"ގެ ކަވަރއެއްވެސް އޭނާ ވަނީ ޕަރފޯމްކޮށްފަައެވެ.

ހުޅަނގު އެމެރިކާގެ ސްޓޭޓެއްކަމަށްވާ ކެލިފޯނިއާއަށް އުފަން ކޯޑީ ލީ އޭ.ޖީ.ޓީގެ 14 ވަނަ ސީޒަންގައި ހުށަހަޅައިދިން ފުރަތަމަ އޮޑިޝަނާއެކުވެސް އޭނާއަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައެވެ. އޯޓިސްޓިކް އަދި ލޯފަން މީހަކަށްވެހުރެ، އަމިއްލައަށް ޕިއާނޯ ކުޅެމުން އޭނާގެ ފަރާތުން ފެނިގެންދިޔަ ހިތްގައިމު ހުށަހެޅުމަށް ޝޯވގެ ޖަޖުންގެ އިތުރުން އެތައް ބަޔަކު ތަޢުރީފުކޮށްފައިވާއިރު، އޭނާގެ ފުރަތަމަ އޮޑިޝަންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައިވެސް ވައިރަލްވެގެންގޮސްފައިވެއެވެ.

މޭމަހު އެއަރކުރަން ފެށި އޭ.ޖީ.ޓީގެ 14 ވަނަ ސީޒަންގައި ކޯޑީ ހުށަހަޅާދީފައިވަނީ 1971 ރިލީޒްކޮށްފައިވާ ޑޮނީ ހަތަވޭސްގެ ކްލެސިކް ހިޓް "އަ ސޯންގ ފޯރ ޔޫ"ގެ ރެންޑިޝަނެކެވެ. އޭނާ އޮޑިޝަން ދެމުންދިޔަ ވަގުތު ޝޯވގެ ބައެއް ޖަޖުންނާއި އޯޑިއަންސްގެ ތެރެއިން ގިނަ ބައެއްގެ ލޯތައް ފެންކަޅިވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އޮޑިޝަންގެ ހިތްގައިމުކަމާއި ފުރިހަމަކަމުގެ ސަބަބުން ވޯޓަކަށްވެސް ނުގޮސް "ގޯލްޑަން ބަޒަރ"އާއެކު ކޯޑީއަށް ލައިވް ޝޯވތަކަށް ދަތުރުކުރުމުގެ ފުރުޞަތު ޖަޖުން ވަނީ ދީފައެވެ.

ކޯޑީގެ މަންމަ ޓީނާ ލީ ބުނިގޮތުގައި އޭނާގެ ދަރިފުޅަކީ ހުރިހާގޮތަކުންވެސް ޙާއްސަ ކުއްޖެކެވެ. އާއްމުކޮށް މީހުން ކޮށްއުޅޭ ކަންކަން ކުރުމުގައި ކޯޑީއަށް އުނދަގޫކަމެއް ކުރިމަތިވިނަމަވެސް ލަވަކިޔުމާއި މިއުޒިކްވެފައިވަނީ އާއްމު މީހުންނާއި ކޯޑީއާއި ހުރި ތަފާތުތަކާއި ފަރަގުތައް ދުރުކޮށްދިން އެއްޗެއްކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ.

ކޮންމެއަކަސް އަޒުމާއި ހިތްވަރާއެކު ކަމަކާ ކުރިމަތިލައިފިނަމަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކަންކަން ހާޞިލުކުރެވިދާނެކަން އޭ.ޖީ.ޓީގެ 14 ވަނަ ސީޒަން ކާމިޔާބުކުރުމަށް ކޯޑީ މި ކުރި ދަތުރުން މިވަނީ ވަރަށްވެސް ފުރިހަމައަށް ސާބިތުކޮށްދީފައެވެ. މިއާއެކު އޭނާ މިވަނީ އެމެރިކާގެ ތާރީޚުގެ ތެރެއިން ޖާގަހޯދާފައެވެ.