ޚަބަރު

އެފްއޭއެމަށް ލަފާދޭ ކޮމިޓީގައި 2 މިނިސްޓަރުން، މިވީ ކިހިނެތް؟


ޤައުމީ ފުޓްބޯޅަ ޓީމުގެ ކަންތައްތަކުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް)އަށް ލަފާދެއްވުމަށް 2 މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 2 މިނިސްޓަރުންނަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ސޯޝަލް އެންޕަވަމަންޓް އަޙްމަދު މަހްލޫފާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދެވެ. މި ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކު ކޮމިޓީގެ ރައީސް މުޙައްމަދު ޝަވީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއަށް ލަފާދިނުމަށް އެކުލަވާލި ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ބެޑުމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ. ދުނިޔޭގެ ބެޑުމިންޓަން ފެޑެރޭޝަނުގެ އިސް މަޤާމެއް ފުރުއްވާ ނާޝިދު މީގެ ކުރިން ފުޓްބޯޅައިގެ އެއްވެސް މަޤާމެއް ފުރުއްވާފައެއް ނުވެއެވެ. ކުއްލިއަކަށް އުފަންވި މި ކޮމެޓީގެ ޗެއަރމަނަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ކޮމެޓީއާ ގުޅޭގޮތުން އެފްއޭއެމުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމެއްގައި ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމާ، އެ ކޮމެޓީ އެކުލަވާލައްވާފައިވާކަމަށެވެ. މި ކޮމެޓީގެ ޒިންމާއަކީ ޒުވާން ޓީމުތަކުގެ އުމުރުފުރާއިން ފެށިގެން ސީނިއަރ ޓީމުތަކުން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއަށް ލާފަދެއްވުންކަމަށް އެފްއޭއެމުގެ ނޫސްބަޔާންގައި ވިދާޅުވެފައިވެއެވެ.

އެފްއޭއެމުން އެކުލަވާލާފައިވާ ކޮމެޓީގައި ޔޫތު މިނިސްޓަރ މަހުލޫފް ހިމެނިވަޑައިގެންނެވިއިރު، އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުރި މަސައްކަތުގައި އެ ބޭފުޅާގެ އަތްޕުޅެއްވާކަމަށް އެފްއޭއެމުން ތުޙުމަތުކުރެއްވިއެވެ. އަދި މި އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމަކަށް ފުރުޞަތު ނުލިބުމުން އެކަންތައްތައް ބެލުމަށް މިނިސްޓަރ މަހްލޫފް އިސްވެހުންނަވާ ކޮމެޓީއެއްވެސް އެކުލަވާލައްވާފައިވެއެވެ. ނަމަވެސް، ފީފާގެ ފިއްތުންތަކާއި ގުޅިގެން ފަހުން ކޮމެޓީގެ މަސައްކަތް ބަދަލުކުރެއްވިއެވެ. ފަހުން ކޮމެޓީން މަސައްކަތްކޮށްފައިވަނީ މިދިޔަ ދެ އަހަރު ސަރުކާރުން ދެއްވާފައިވާ ފައިސާގެ ކަންތައްތައް ބެލުމަށެވެ. ނަމަވެސް އެ ކޮމެޓީގެ އެއްވެސް މަސައްކަތެއް މިހާރު ކުރިއަށްދާކަމަށް ޔޫތު މިނިސްޓްރީން ވިދާޅެއް ނުވެއެވެ.

ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދުވެސްވަނީ އެފްއޭމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ތާޢީދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ނިއު ރޭޑިއެންޓުގެ ބައެއް ކުޅުންތެރިންގެ އެއްބަސްވުން އެފްއޭމުން އުވާލުމުން، އެކުޅުންތެރިން އެހެން ކުލަބުތަކަށް ސޮއިކުރުމަކީވެސް އެފްއޭއެމުން އަޑީގައިއޮވެ ކުރެއްވިކަމެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި ހުރިހާ ވަހަކަތަކެއް ދެއްކެވުމަށްފަހު، ކުއްލިއަކަށް ރާގު ބަދަލުވެ، މިހާރު ފެނިގެންދަނީ އެ ދެ މިނިސްޓަރުން އެފްއޭއެމްގެ ރައީސް ބައްސާމްގެ ފަހަތުގައި މަސައްކަތްކުރެއްވުމަށް އަތުގުޅާލެއްވި މަންޒަރެވެ. ކުރިން ދެއްކެވި ވާހަކައާއި ބައްސާމާ ދެކޮޅަށް ކުރެއްވި މަސައްކަތް ފަސްއަޅާ ފޮރުއްވި މަންޒަރެވެ. މިވީ ކިހިނެތްތޯއެވެ.