ޚަބަރު

ވިސާ ހެއްދުމަށް ނަކަލުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކުރަން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި


ވޯކް ވިސާ ހެއްދުމަށްޓަކާ ނަކަލުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކުރަން މަސައްކަތް ކުރި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މީހާ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގައި މިއަދުގެ ވަގުތެއްގައިކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު ތަފްސީލެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކޮށް، އެމީހުން ޤަވާއިދުގެ ތެރެއަށް ފެއްދުމަށްޓަކާ އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އަންނަނީ ޙާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހުވެސް ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 12 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގައި ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

އެގޮތުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ.