މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް އަމާޒުކޮށް ދިން ޙަމަލާތަކުގެ ރައްދުގައި އީރާނާ ހަނގުރާމަނުކޮށް އެޅިދާނެ ހަރުކަށި ފިޔަވަޅުތަކެއް އެބަހުރިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައިވަނީ މި ޙަމަލާތައް ދީފައިވަނީ އީރާން އިސްވެ އޮވެގެންކަމަށް ސަޢުދީ ޢަރަބިއްޔާއާ އެމެރިކާއިން ތުޙުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިކަމުގައި އީރާނާ ދެކޮޅަށް އެޅިދާނެ ގިނަ ފިޔަވަޅުތަކެއް އެބަހުރިކަމަށާއި މީގެ ތެރެއިން އެންމެ ނުރައްކާތެރި ފިޔަވަޅަކީ އަސްކަރީ ފިޔަވަޅުކަމަށެވެ. އެހެންނަމަވެސް އެހިސާބަށް ނުގޮސް މިކަމުގައި ގޮތެއް ނިންމޭނެކަމަށް ޤަބޫލުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އޭނާ މިހާރުވާނީ އެމެރިކާގެ މާލީ ވުޒާރާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޢަމުރުކުރައްވާފައިކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް މުހިއްމު ތެޔޮ ސާފު ކުރާ ކާރުޚާނާއަކާ އެ ޤައުމުގެ ތެޔޮ ދަނޑަކަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުންނެވެ. މި ޙަމަލާތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއިން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު ދެބައިކުޅަ އެއްބައި މަދުވި ނަމަވެސް މި މަސް ނިމުމުގެ ކުރިން މި އަދަދު އަލުން އިޔާދަކުރެވޭނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.