ޚަބަރު

ސޫރިއާގައި ތިބި ދިވެހިންގެތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން 2 މަސް ތެރޭގައި ގެނެވޭނެ - ރައީސް


ރާއްޖެއިން ފިލައިން ސޫރިއާގައި ހިނގަމުންދާ ހަގުރާމައަށް ގޮސްތިބި ދިވެހިންގެ ތެރެއިން އަނބުރައި ރާއްޖެ އަންނަން ބޭނުންވާ މީހުން ކުރިއަށް އޮތް 2 މަސްދުވެހުގެ ތެރޭގައި ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، މިމަހުގެ ތެރޭގައި ބޭރުގެ ޤައުމެއްގެ ބަޔަކު ރާއްޖެއައިސް މިކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެފަރާތުގެ އެހީއާއެކު، ސޫރިއާގައި ހަގުރާމައަށް ގޮސްތިބި ދިވެހިން ރާއްޖެ ގެނެސް ބައިތިއްބާނެ ތަނެއް ހެދުމާއި އެކަމުގެ މަސައްކަތް ކުރިއަށް ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެފަދަ މީހުން ރާއްޖެ ގެނައުމުގެކުރިން ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ އެހެން ޤައުމަކަށް ކަމަށާ، އެޤައުމުގައި ބޭތިއްބުމަށްފަހު މިމީހުގެ ތެރެއިން އައިޑެންޓިޓީ ނެތް މީހުންގެ އައިޑެންޓިޓީ ހެދުމާއި، މިނޫންވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 2 މަސްދުވެހުގެ ތެރޭގައި މިމީހުން ރާއްޖެ ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ މީހުންނަކީ ގެންނަގޮތަށް މުޖުތަމަޢަށް ދޫކޮށްލެވޭނެ ބައެއް ނޫންކަމަށާ، މިފަދަ މީހުންނަށް ޚާއްސަކުރެވޭ މަރުކަޒުގައި ދެވޭ ފަރުވާތަކަށްފަހު މިމީހުން ދޫކުރެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.