ޚަބަރު

އެފްއޭއެމުން ސާންތި އިސްތިޢުފާދެއްވައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމުން އިޙްސާން ޢަބްދުލްޣަނީ (ސާންތި) އިސްތިޢުފާދެއްވައިފިއެވެ. ނަމަވެސް، މިކަން އަދި ސާންތިވެސް އެފްއޭއެމުންވެސް ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

ސާންތި އިސްތިޢުފާދިން އަޑު ގަދަވެފައިވަނީ އޭނާއާ ބެހޭ ގޮތުން ކުލަބުތަކުން އެފްއޭއެމަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ވަގުތެއްގައެވެ. އޭގެ ތެރޭގައި އޭނާ ކުރިން ކޯޗުކޮށްދެއްވި ކުލަބު އީގަލްސްގެ ކުޅުންތެރިންނަށް ޤައުމީ ޓީމުން އިސްކަންދެއްވާކަމަށް ކުރެވޭ ތުޙުމަތުތައްވެސް ހިމެނެއެވެ.

ސާންތިވަނީ އެފްއެމުގައި ފާއިތުވި ދެ އަހަރު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ޒުވާން ކުޅުންތެރިން އުފެއްދުމަށް އިސްކަންދިނުމުގެ ގޮތުން އަންހެން އެކަޑަމީ ތަޢާރަފުކުރުމާއި ޔޫތު ލީގުތައް ތަޢާރަފުކުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ޑީ ލައިސަންސް ކޯޗިން ކޯސް ބޭއްވުމާއި ކޯޗާސް އިންސްޓްރަކްޓަރުން ތަމްރީނުކުރުންފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ.

2008ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕު ކާމިޔާބު ކުރި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރި ސާންތިއަކީ ފުޓުބޯޅައިގެ މޮޅު ހިންގުންތެރިއެކެވެ.