ވިޔަފާރި

"ކްރޮސްރޯޑްސް މޯލްޑިވްސް" ރަސްމީކޮށް އިފްތިތާޙްކޮށްފި


ރާއްޖޭގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢު "ކްރޮސްރޯޑްސް މޯލްޑިވްސް" ރަސްމީކޮށް ހުޅުވައިފިއެވެ. އެނބޫދޫ ފަޅުގައި ތަރައްޤީކުރަމުންދާ ކްރޮސްރޯޑްސް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ކުރިއަށްގެންދާ، "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއަކީ އިންޓަރގްރޭޓަޑް ލެޝަރ އެންޑް އެންޓަޓެއިންމަންޓް ރިސޯޓް ކޮންސެޕްޓްގެ މައްޗަށް ބިނާކޮށް ގިނަ ރަށްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މުޅި މަޝްރޫޢަށް 800 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 311.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް ސިންގް އެސްޓޭޓުން މަޢުލޫމާތުދެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައީބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވސް މަޝްރުޢުއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ކުރިއެރުވުންތަކެއް ގެނުވައިދޭނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި މަޝްރުޢުއާއެކު ރާއްޖެއަށް ބޮޑެތި ފޮރިން އިންވެސްޓްމެންޓްތައް އައުމަކީ ސަރުކާރުގެ އުއްމީދެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިންގް އެސްޓޭޓްގެ ޗެއަރމަން ޗުތިނަންތް ބިރޮމްބަކްދީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ނާއިބު ރައީސް ފައިޞަލް ވަނީ އެނބޫދޫފަޅުގައި ތަރައްޤީކޮށްފައިވާ ބައެއް ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ތިންރަށް އެކުލެވޭގޮތަށް ތްރީ-އައިލެންޑް-ރިސޯޓްސް ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ރަށްތަކެކެވެ. މި ކޮންސެޕްޓްގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޑް އެންޑް ބެވެރެޖް ޚިދުމަތްތަކާއި، ރީޓެއިލް ފިހާރަތަކާއި، މުނިފޫހި ފިލުވުގެ ތަންތަނާއި، ރެކްރިއޭޝަނަލް ޙަރަކާތްތަކާއި، ލެޝަރ ލައިފްސްޓައިލް އެކުލެވިގެންވާ އެކިއެކި ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2 ރިސޯޓެއް މިހާރު ވަނީ ތަރައްޤީކޮށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ނަން މަޝްހޫރު ހޮޓެލްސް ޗެއިން، ހިލްޓަން ކަލެކްޝަންގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހުޅުވާފައިވާ ސައި ލެގޫން މޯލްޑިވްސް ރިސޯޓާއި، މިއުޒިކާއި މިއުޒިކުގެ އެކި ފަންނުތަކަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއެވެ. މި ދެ ރިސޯޓާއެކު ފަތުރުވެރިންނަށް ޙާއްސަކޮށްގެން 376 ކޮޓަރި މިތަނުގައި ތަރައްޤީކޮށްފައިވެއެވެ.

ހަމައެހެންމެ މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ތަޖުރިބާކޮށްލުމުގެ އިތުރުން، ރާއްޖޭގެ ތާރީޚާއި ސަޤާފަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެގޮތުން "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ"ގެ ނަމުގައި ޙާއްސަ މަރުކަޒެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްތެރިކޮށް ރައްކާތެރިކުރުމަށްޓަކާ "މެރިން ޑިސްކަވަރީ ސެންޓަރ"ގެ ނަމުގައި ޙާއްސަ މަރުކަޒެއްވެސް ޤާއިމުކޮށްފައިވެއެވެ.