ޚަބަރު

ގުޅީފަޅާއި، މާލޭ ހުޅަނގު އުތުރު ބަނދަރުގެ މާސްޓަރ ޕްލޭން ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކޮށްފި


ގުޅީފަޅާއި މާލެ ހުޅަނގު އުތުރު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެޗް.ކިއު ކުންފުންޏަކާއެވެ. މި މަސައްކަތް އެޗް.ކިއު ކުންފުންޏާއި ހަވާލުކޮށްފައިވަނީ 6 ލައްކަ 50 ހާސް ޑޮލަރަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން 8 މަސް ދުވަހުގެ ތެރޭގައި ޕްލޭނިންގގެ މަސައްކަތައް ނިންމަންޖެހެއެވެ،

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައެވެ. މި މަޝްރޫޢުގެ ދަށުން މުދާ ގުދަންކުރުމުގެ ކަންކަން ގުޅީފަޅަން ބަދަލުކުރެވޭނެއެވެ. މިފަދަ މަޝްރުޢުއެއްގެ އެންމެ ބޮޑު ބޭނުމަކީ ތޮށްޖެހިފައިވާ މާލެއަށް މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫ ކުޑަކޮށް، ހުސްޖާގަ އިތުރުކޮށް ހިތް ފަސޭހަ ޖާގަތައް މާލޭގައި އިތުރުކުރުމެވެ.

މި މަސައްކަތަކީ ގްރޭޓަރ މާލެ އަރބަން ރީޖަން ޑިވެލޮޕްމަންޓްގެ ދަށުން ފަށާ މަސައްކަތެކެވެ. ސަރުކާރުގެ ޢަމާޒަކީ ގުޅީފަޅަކީ ލައިޓް އިންޑަސްޓްރިއަލް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅެވެ.