ޚަބަރު

ތިނަދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް "ތެނަދޫ ބޯޓު" ނަގައިފި


ގދ. ތިނަދޫ ޖެޓީ ސަރަހައްދުގެ ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް "ތެނަދޫ ބޯޓު" ނަގައިފިއެވެ.

އެބޯޓު އަޑިއަށް ގޮސްފައި އޮންނަތާ 8 އަހަރުވެފައިވާއިރު މީގެކުރިން އެރަށު ކައުންސިލުންވަނީ ބޯޓުގެ ވެރިފަރާތުން އެ ބޯޓު ނެގުމަށް އެކިފަހަރު މަތިން އަންގާފައެވެ. ނަމަވެސް ވެރިފަރާތުން އެކަން ކޮށްފައެއް ނުވެއެވެ. އެބޯޓު ނެގުމުގެ މަސައްކަތް އިއްޔެ ކައުންސިލުން ކޮށްފައިވަނީ ތިނަދޫ ޕަބްލިކް ވޯކްސްއާ ގުޅިގެންނެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވި ގޮތުގައި ބޯޓު ނެގުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވީ ޕްލޭނިން މިނިސްޓްރީންނެވެ. އެގޮތުން އެމިނިސްޓްރީން ވަނީ އެކްސްކެވޭޓަރަކާއި ބާޖެއް އެރަށަށް ފޮނުވާފައެވެ. އެކައުންސިލުން ވިދާޅުވީ އެތަކެތި ހޯދީ "ތެނަދޫ ބޯޓު" ފަޅުތެރެއިން ނެގުމަށާއި، ތިނަދޫ އުތުރުފަރާތު ވެލި ބެޑު ފުން ކުރުމަށް ކަމަށެވެ.

"ތެނަދޫ ބޯޓު" ނެގުމުގެ މަސައްކަތް އިއްޔެ ހަވީރު ފެށި އިރު މަސައްކަތް ނިންމާލެވުނީ ރޭގައެވެ. ގިނަ ދުވަހު މޫދު އަޑީގައި އޮތުމުގެ ސަބަބުން އެ ނެގުމުގެ މަސައްކަތުގެ ތެރޭގައި ބޯޓުގެ ބައިބައި އަތުވީ ވަކިވަކިންނެވެ. އެބޯޓު އެތަނުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ނަގާފައިވާއިރު ބޯޓު ނެގުމުގެ ސަބަބުން އެސަރަހައްދަށް ލަފާ ފުރާ އުޅޭ އުޅަނދުތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.