ޚަބަރު

ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްތަކާމެދު މަޝްވަރާކުރުން ހޮނިހިރު ދުވަހުގެރޭ


ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްތަކާމެދު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާ މަޝްވަރާކުރުން ހޮނިހިރު ދުވަހުގެރޭ އޮންނާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތައް މިބައްދަލުވުމުގައި ޙިއްސާ ކުރާނެކަމަށެވެ. މިމައްސަލާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އާދީއްތަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ޖަލްސާގެކުރިން ސަރުކާރުން މިމައްސަލާގައި ދެކޭގޮތް ހާމަކުރުމަކީ ވަރަށްމުހިންމު ކަމެއްކަމަށާ، އެގޮތުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި ބައްދަލުކުރުން ހޮނިހިރު ދުވަހުގެރޭ އޮންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކާމެދު ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުންގެ މެދުގައިވެސް ޚިޔާލު ތަފާތުވެފައިވާއިރު، މިމައްސަލާގައި އެޕާޓީގެ ޕާލިމަންޓް މެމްބަރުންގެ އެންމެބޮޑު ކަންބޮޑުވުމަކީ އަސާސީ ހައްޤުތައް ހަނިވާގޮތަށް މިޤާނޫނަށް ހުށަހަޅާފައިވާ އިސްލަޙުތައް ކަމުގައި އާޒިމް ވިދާޅުވިއެވެ. އެމްޑީޕީއަކީ އަސާސީ ޙައްގުތަކާއި މިނިވަންކަމާއި ފަރުދީ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއަކަށްވާއިރު ޤާނޫނަކުން މިފަދަ ހައްޤުތައް ހަނިކުރުމަކީ އެމްޑީޕީގެ މެމްބަރުން ތާޢީދު ކުރާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން މިކަމާ ގުޅިގެން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އެޓާނީ ޖެނެރަލާއި، ފުލުހުންނާއެވެ. ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅާފައިވަނީ ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.