ޚަބަރު

ދިއްދޫގެ ހުސް ގެވަޅުތަކުގައި ގެ އެޅުމުގެ ފުރުސަތު ހުޅުވާލައިފި


ހއ. ދިއްދޫގައި ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ހުސް ގެވަޅުތަކުގައި ގެ އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ގެ އިމާރާތް ނުކުރެވި ހުރި ހުސް ގެވަޅުތަކުގައި ގެ އެޅުމަށް ޝައުގުވެރިކަން ހުރި މީހުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލާ ކަމަށެވެ.


މި މަޝްރޫއުއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިން ޔުނިޓް އަޅައިދިނުމުގެ މަޝްރޫއުގެ ދަށުން އަތޮޅުތެރޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ގެ އިމާރާތް ނުކުރެވި ހުރި ހުސް ގެވަޅުތަކުގައި ގެ އެޅުމަށް ހައުސިން މިނިސްޓްރީން ނިންމާފައި ވާތީ ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ދިއްދޫ ކައުންސިލުގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ ދިއްދޫ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑު ރަށެއް ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުސް ގޯތީގައި ގެއަށް ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލިއިރު ގާތްގަނޑަށް 80 އެއްހާ ހުސް ގޯތި ރަށުގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރަށުގެ އާބާދީގައި 4500 މީހުން އުޅޭއިރު ކިޔެވުމަށް އައިސް އުޅޭ އާއިލާތަކާއި އަދި މަސައްކަތް ކުރަން އުޅޭ ބިދޭސީން ހިމެނޭހެން އާބާދީ 5000 އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެރަށުގައި 250 ހައުސިން ޔުނިޓެއް އެޅިއިރު އެތަނުން ދޫކުރެވުނީ 140 ޔުނިޓެވެ. ބާކީ 110 ޔުނިޓު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަދި ވެސް އެތަނަށް ބަޔަކަށް ވަދެވޭ ގޮތް ވަނީނުވެފަ އެވެ.

ހާޝިމް ވިދާޅުވީ އެ މައްސަލައާ މެދު އަދި ވަކި ގޮތެއް ނުނިމޭ ކަމަށާއި މައްސަލަ އަދިވެސް އޭސީސީން ބަލަމުން ކަމަށެވެ.