ޚަބަރު

ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު ހުއްޓުވައިފި


ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވާފައިވާކަމަށެވެ. ނަމަވެސް އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ސަލާމަތީ ބާރުތަކާގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ. އަދި އިމިގްރޭޝަނުން ދޫކޮށްފައިވާ ވޯކް ވިސާއާއި ޚިލާފުވެފައިވާ 2 ބިދޭސީއަކު ދާދިފަހުން ވަނީ ރާއްޖެއިން ޑީޕޯޓުވެސް ކޮށްލާފައެވެ.

ޤަވައިދާ ޚިލާފަށް ޤައުމަށް އެތެރެވާ މީހުން ހުއްޓުވުމާއި، މި ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ކަސްޓަމްސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.

މި ސިސްޓަމްތައް އަޕްގްރޭޑްކޮށް ރާއްޖެ އެތެރެވެ ބޭރުވާ މައި އެއަރޕޯޓްތަކާއި، ކަސްޓަމްސް ޕޯޓުތަކުގައިވެސް ވަނީ ބަހައްޓާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އެމްޕީއެލް ޕޯޓާއި، އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް ވަނީ ސިސްޓަމްތައް އަޕްގްރޭޑްކޮށްފައެވެ.