ޚަބަރު

މާލޭގައި އަގުދީގެން 4 ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުޞޫލެއް އެކުލަވާލައިފި


މާލޭގައި އަގުދީގެން 4 ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުޞޫލެއް އެކުލަވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެކުލަވާލި މި އުޞޫލަކީ މާލޭ ސިޓީގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރަށް އަގުނަގައިގެން ޕާރކު ކުރުމަށް ޖާގަ ދޫކުރުމަށް ހަދާފައިވާ ޤަވާޢިދެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި އުޞޫލުގައިވާ ގޮތުން މާލޭގައި އަގުދީގެން ވެހިކަލް ޕާރކް ކުރެވޭނީ މ. ދަންޑަހެލުގެ، ސްޕްރީމްކޯޓް ކުރިމަތިގައި ހަދާފައިވާ ޕާރކިންގ ޒޯންގައެވެ. އަދި އަގުދީގެން ޕާރކުކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 އެވެ. މި ޕާކިންގ ޒޯނުގައި ޕާރކުރުމަށް ފުރުޞަތުދެވޭ ފަރާތްތަކުން ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޤަވާޢިދަށް ޢަމަލު ކުރަންވާނެކަމަށާއި، ޕާރކުކުރުމުގެ ހުއްދަ ދޫކުރެވޭނީ މިއުޞޫލަށް ފުރިހަމައަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ޕާރކުކުރުމުގެ ހުއްދަދެވޭނީ އެކަމަށް އެދި ފުރިހަމަކުރަންޖެހޭ މަޢުލޫމާތާއެކު، ފުރަންޖެހޭ ފޯމް ފުރައި، އެކަމަށް ކަނޑައެޅޭ އުޞޫލުގެ ދަށުން ސިޓީ ކައުންސިލަށް ހުށަހެޅުމުންކަމަށާއި، ފޯމް ހުށަހަޅަންވާނީ ވެހިކަލްގެ ވެރިފަރާތުން ނުވަތަ ޕަވަރ އޮފް އެޓަރނީ ނުވަތަ އެއްބަސްވުމާއެއްކޮށް ހުށަހަޅާ ފަރާތްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ އެއް ޖާގަކަމަށާއި، ޕާކުކުރުމުގެ ހުއްދައަށް އެދޭ އުޅަނދަކީ މިހާރު ދުއްވަން ބޭނުންކުރާ ހާލަތުގައިވާ، މާލޭސިޓީގައި ޤަވާޢިދުން ރަޖިސްޓްރީކޮށް، ރޯޑްވާދިނަސް އައުކޮށް އަހަރީ ފީދައްކާ، އަދި އިންޝުއަރެންސް ކޮށްފައިވާ އުޅަނދަކަށް ވާންވާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ޒޯނުގައި އުޅަނދު ޕާކުރަންވާނީ ހުއްދަދެވޭ ޖާގައިގައި، އެޖާގައަށްވުރެ ބޭރު ނުވާގޮތަށް ތަރުތީބުންކަމަށާއި، އެހެންފަރާތަކަށް ދޫކުރެވިފައިވާ ޖާގައެއްގައި ނުވަތަ ޖާގައިން ބައެއްގައިވިޔަސް އެހެން ފަރާތަކުން ޕާކުކުރުމަކީ މަނާކަމެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިފަދަ ޢަމަލު ހިންގާފަރާތް ފުރަތަމަ ފަހަރު ސަތޭކަ ރުފިޔާ އަދި ދެވަނަ ފަހަރު ދުއިސައްތަ ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށާއި، 3 ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ، އެފަރާތެއްގެ ހުއްދަ ބާޠިލް ކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.