ދީން

ސަޢޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރައްވައި މިނިސްޓަރ ޒާޙިރު މަޝްވަރާކުރައްވައިފި


އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާޙިރު ޢަލީ މިސްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސަޢޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްއަޒީޒް އާލް-ޝެއިޚްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިސްރުގެ ވެރިރަށް ޤާހިރާގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ވަކިން ޙާއްސަކޮށް ސަޢޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތުގެ ހެވާއި ލާބައަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި ދެ ޙަރަމްފުޅުގެ ވެރިޔާ، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީގެ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ޢަބްދުލްޢަޒީޒް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް މިނިސްޓަރ ޒާޙިރު ވަނީ ތަޢުރީފުކުރައްވާފައެވެ.

ވަކިން ޙާއްސަކޮށް ގުދުރަތީ ތަފާތު ކާރިސާތަކާއި ގުޅިގެން އެކި ޤައުމުތަކަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށްޓަކާ ސަޢުދީން ވެދެއްވަމުން ގެންދަވާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިސްލާމްދީނުގެ އަގުވައްޓާލާ، މުސްލިމުންނާމެދު ދެކޭގޮތް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ރާއްޖެއާއި ސަޢުދީ އަރަަބިއްޔާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާޙިރު ޢަލީ މިސްރަށް ވަޑައިގެންފައިވަނީ މިމަހުގެ ފަނަރައިން ސޯޅައަށް މިސްރުގެ ޤާހިރާގައި ކުރިއަށްދާ 30 ވަނަ "ޖެނެރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޯރ އިސްލާމިކް އެފެއާޒް" ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.