ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ މި ދެމަޤާމަށް ކުރިމަތިލުމށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއި ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
މީގެ އިތުރުން ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުމާއި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅަކަށްވެސް ވެގެންނުވުން ހިމެނެއެވެ.
މީރާގެ އެންމެ އިސް ދެމަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ ޓެކްސްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.
މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ވާގޮތުން އެބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.
ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑު އެކުލަވާލަން ޖެހެއެވެ.