ޚަބަރު

ވިއްސާރައިގައި ގެއްލުންވި ތިނަދޫގެ ގެތަކަށް ފައިސާގެ އެހީ ދީފި


މިއަހަރުގެ ޖެނުއަރީމަހު ގދ. ތިނަދޫއަށް ކުރި ވިއްސާރާގައި ގެއްލުންވި ގެތަކަށް ސަރުކާރުން ފައިސާގެ އެހީދީފިއެވެ.

ތިނަދުއަކީ އަބަދުވެސް ވިއްސާރަ މޫސުމުގައި ފެން ބޮޑުވާ ރަށެކެވެ. އެގޮތުން މިއަހަރުވެސް އެރަށަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ ބައެއް ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް އެރަށަށް ކުރި ވިއްސާރާގައި 110 ގެއަކަށް ފެން ވަދެ ގެއްލުން ތަކެއް ލިބުމާ ގުޅިގެން ކައުންސިލުން ވަނީ އެ ގޭތަކުގެ އެސެސްމަންޓު ހަދައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީއަށް ފޮނުވާފައެވެ.

ތިނަދޫ ކައުންސިލުން ބުނީ އެސެސްމަންޓު ހެދުމަށްފަހު ފައިސާގެ އެހީ ދިނުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ނިންމީ 31 ގެއަކަށް ކަމަށެވެ. އެގޮތުން އެ ގޭތަކަށް ޖުމްލަ 83،640 ރުފިޔާ ޙަވާލު ކޮށްފައިވާ ކަމަށެވެ. އަދި މިފައިސާ ޙަވާލު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ފައިސާ ޖަމާ ކޮށްފައިވާނީ އެ ގެއެއްގެ ވެރިފަރާތުގެ ބޭންކް އެކައުންޓަށް ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

ތިނަދޫއަކީ ވިއްސާރަ މޫސުމުގައި އަބަދުވެސް ރާއްޖޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެކެވެ. އެރަށަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށް ރަށުގެ އެކި ސަރަހައްދު ތަކުގައި 7 ޕަންޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ކައުންސިލުންވަނީ މީގެ ކުރިން ބުނެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ މަޝްރޫޢުގެ އަގަކީ 5.2 މިލިއަން ރުފިޔާއެވެ. ކުރީ ސަރުކާރުން އެމަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައެޅީ 37.9 މިލިއަން ރުފިޔާއެވެ.