ޚަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ޠަލާލް އިސްތިއުފާދެއްވައިފި


ކުރީގެ ސަރުކާރުތަކުން ސޯޝަލް ހައުސިންގ ދޫކޮށްފައިވާ ގޮތްތައް ބަލައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެމަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދާފައިވާ ކޮމެޓީގެ މެމްބަރުކަމުން އަޙްމަދު ޠަލާލް އިސްތިއުފާ ދެއްވައިފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވައި ޠަލާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ މިކޮމިޓީން އިސްތިއުފާދެއްވީ ޓްރޭންސްޕޭރެންސީ މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން، ފްލެޓް ކޮމެޓީގެ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ މިންވަރަށް ވަގުތުދެއްވަން އުނދަގޫވާތީކަމަށެވެ. އަދި ކޮމެޓީއިން އިސްތިޢުފާދެއްވީ، ދެ ފަރާތުންވެސް އެއްބަސްވެގެން، ކޮމެޓީގެ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތުދެވޭނެ ބޭފުޅަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުންކަމަށްވެސް ޠަލާލް ވިދާޅުވެފައިވެއެވެ.

ޠަލާލްގެ އިތުރުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު މުޢިއްޒު އަދްނާނުވެސް އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާގުޅިގެން މުޢިއްޒު ބަހެއް ހޯދާލުމަށް ޕީ.އެސް.އެމް ނިއުސްއިން ގުޅާލުމުން އޭނާ ވިދާޅުވީ އެމައްސަލާގައި މީޑިއާތަކަށް އިތުރު މަޢުލޫމާތެއް ދެއްވަން ބޭނުންފުޅުނުވާކަމަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރުކަމުން ޠަލާލް އިސްތިއުފާދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރުކޮށްދެއްވާފައިވާއިރު، އެ ކޮމެޓީގެ ނައިބު ރައީސްކަމުން މުޢިއްޒު އިސްތިޢުފާދެއްވާފައިވާކަމެއް ރައީސް އޮފީހަކުންވެސް ކަށަވަރުކޮށްދެއްވާފައެއްނުވެއެވެ. ޠަލާލްގެ ބަދަލުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރަކަށް ގާނޫނީ ވަކީލެއްކަމަށްވާ ޠާހާ މުޙައްމަދު އައްޔަންކުރައްވާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއަކީ ‏"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާގޮތާއި، ފްލެޓްތައް ދޫކޮށްފައިވާގޮތް މުރާޖަޢާކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ކޮމެޓީއެވެ.