ސިޔާސީ

މަޖިލީހަށް ފޮނުވަން ލަފާއެރުވީ މަހާޒާއި ދިޔާނާގެ ނަންފުޅު


ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ޖޭއެސްސީގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ޑްރަގް ކޯޓްގެ ފަނޑިޔާރު އަލްއުސްތަޛް މަހާޒް ޢަލީ ޒާހިރާއި، ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ދިޔާނާ ސަޢީދުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ލަފާއަރުވައިފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅަކީ ޑްރަގް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި މަހާޒް ޢަލީ ޒާހިރެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން އެ ކޮމިޝަނުން ވިދާޅުވީ، ސުޕްރީމް ކޯޓޤގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަވާފައިވާ ނަންފުޅާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނާއި އިންޓަރވިއުކުރުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓްގެ އަލީގައި ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވަން ނިންމަވާފައިވާކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން އެންމެ ބޮޑަށް ލަފާއަރުވާ ދެ ނަންފުޅަކީ އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދުއާއި މަޙާޒް ޢަލީ ޒާހިރުކަމަށެވެ. ފަނޑިޔާރުންގެ ޤާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ތެރޭގައި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރު މަސައްކަތްކުރައްވާފައިވާ ފަރާތަކަށް ވާންޖެހެއެވެ.