ޚަބަރު

އިންޖިނިއަރިންގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސްޓެލްކޯގެ އަމާޒެއް - މުޣުނީ


އިންޖިނިއަރިންގ އަދި ޓެކްނީޝަންގެ ދާއިރާއިން ދިވެހިން ތަމްރީންކޮށް، އެދާއިރާއިން ދިވެހިންނަށް ތަފާތު އެކި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސްޓެލްކޯގެ މުހިއްމު އަމާޒެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އެކި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "މީޑިއަމް ވޯލްޓޭޖް ކޭބަލް ޓަރމިނޭޝަން ޖޮއިންޓިންގ" މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، އިންޖިނިއަރިންގެ މަސައްކަތްތަކާއި ޓެކްނީޝަނުންގެ މަސައްކަތްތަކަކީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެއްކަމުން، އެފަދަ ދާއިރާތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސްޓެލްކޯގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ އެފަދަ ދާއިރާތަކުން ދިވެހިން ތަމްރީންކުރުމުގައި ސްޓެލްކޯއަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏަކަށްހަދާ، މިފަދަ ދާއިރާތަކުން ދިވެހިންނަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުންފުނިން ޙާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މުޣުނީ ވިދާޅުވިއެވެ.

"މީޑިއަމް ވޯލްޓޭޖް ކޭބަލް ޓަރމިނޭޝަން ޖޮއިންޓިންގ" މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޙަސަން މުޣުނީ ވިދާޅުވީ، މިފަދަ މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންދިއުމުގެ އެންމެ މުހިއްމު ބޭނުމަކީ ސްޓެލްކޯއަކީވެސް ބޮޑު އާބާދީއަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވެފައި، ކަރަންޓަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވުމާއެކު، ދިމާވާ ތަފާތު ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އެކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އިތުރު ކުރުން ކަމަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ކަރަންޓް ކޭބަލްތަކަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެގޮތުގެ މަޢުލޫމާތުދިނުމުގެ އިތުރުން، ޢަމަލީގޮތުން ދަސްކޮށްދިނުމުގެ ބައެއްވެސް ކުރިއަށްގެންގޮސްފައިވާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެކި ބްރާންޗުތަކާއި، ޓެކްނިލަކް މަސައްކަތްތައް ކުރާ ތަފާތު ޑިޕާޓްމަންޓްތައް ހިމެނޭހެން ޖުމްލަ 15 ބައިވެރިއަކު ވަނީ މިފަހަރުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތުދީފައިވަނީ ސްރިލަންކާގެ ތަޖުރިބާކާރު ކުންފުންޏެއްކަމަށްވާ އިންޖިނިއަރިންގ ޑެސްކް ޕްރައިވެޓް ލިމިޓެޑްގެ ފަންނީ ތަޖުރިބާކާރުންނެވެ. ސްޓެލްކޯގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މިފަދަ އިތުރު މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށްއޮތްތަނުގައިވެސް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ