ވިޔަފާރި

ވިޔަފާރި އުސޫލުން ދަނޑުވެރިކަންކުރުމުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގައިފި


ވިޔަފާރި އުސޫލުން ދަނޑުވެރިކަންކުރުމުގެ ތަމްރީން ޕްރޮގްރާމަކާއި ދަނޑުވެރިކަން މާކެޓް ކުރާނެގޮތުގެ ތަމްރީން ޕްރޮގުރާމެއް ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑްގެ ލޯން އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.

"މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ.

މިމަޝްރޫޢުގެ ދަށުން އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ވަނީ ލ. އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫގައި ހިންގާފައެވެ. މިތަމްރީން ޕްރޮގްރާމް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ ޢަމަލީ ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށާއި އަލަށް މިދާއިރާއަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔައިދީފައިވަނީ ދަނޑުވެރިކަން ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތަކާއި، އެކަމަށް ދެވޭ ބޭސްފަރުވާ އާއި ގުޅޭގޮތުނެވެ. މިތަމްރީން ޕްރޮގްރާމްގައި ލ. އިސްދޫ، ދަނބިދޫ އަދި ކަލައިދޫއިން 79 ފަރާތަކުން ބައިވެރިވިއެވެ. މީގެ އިތުރުން، ސައުތު އޭޝިއަން ވުމަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ފައިނޭންޝަލް އަދި މާކެޓިންގ ތަމްރީން ޕްރޮގްރާމެއް މިތިން ރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ތަމްރީން ޕްރޮގްރާމް ހިންގުމުގެ މަޤްސަދަކީ ވިޔަފާރިތަކުން ލިބޭ ނަފާ އިތުރުކޮށް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރުވާނެގޮތް އުންގަންނައި ދިނުމެވެ. މިތަމްރީން ޕްރޮގްރާމްގައި ޖުމްލަ 60 ފަރާތެއް ވަނީ ތަމްރީންކޮށްފައެވެ.