ޚަބަރު

މާލޭ އިންޑޯ ބެޑުމިންޓަން ހޯލަށް ބޮޑެތި ބަދަލުތަކެއް


ބައިނަލްއަޤްވާމީ ބެޑުމިންޓަން މުބާރާތް ބޭއްވުމަށް މާލޭ އިންޑޯ ބެޑްމިންޓަން ހޯލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ބެޑުމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.

ބެޑުމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުޙައްމަދު ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ފިއުޗަރ ސީރީޒާއި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖް ރާއްޖޭގައި ބޭއްވުމަށް އިންޑޯ ބެޑްމިންޓަން ހޯލަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އެ ތަނުގެ ހޫނުމިން މީހާރު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާކަމަށެވެ. ހޯލް ތެރޭގައި އުފެދޭ ހޫނު ދަށް ކުރުމަށް ފުރާޅު ބަދަލުކޮށް، އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ތަކެތި ބޭނުންކޮށްގެން ފުރާޅު ހިޔާކޮށްފައިވާކަމަށް އިޝްފާން ވިދާޅުވިއެވެ. އަދި ރަނގަޅު ފެންވަރަކަށް ކޯޓުގެ ފްލޯ ބަދަލުކުރުމުގެ މަސައްލަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 17ން 29އަށް މާލޭގައި ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ފިއުޗަރ ސީރީޒާއި މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑުމިންޓަން ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، 45 ޤައުމަކުން 250އަށްވުރެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ވިލާތުގެ ބައެއް ޤައުމުތަކުގެ ކުޅުންތެރިންވެސް ހިމެނެއެވެ.