ޚަބަރު

މާލެ ސިޓީގެ ޓްރެފިކަށް ލުޔެއް ހޯދުމާބެހޭގޮތުން ނާއިބު ރައީސް ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާކުރައްވައިފި


މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ސަބަބުން ހެޔޮބަދަލުތަކެއް ފެންނަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާއާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.