ވިޔަފާރި

ކުޅުދުއްފުށީގައި ބާއްވާ ޓްރޭޑް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ކުޅުދުއްފުށީގައި ބާއްވާ ވިޔަފާރިވެރިންގެ އެންމެ ބޮޑު ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކުރާ މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖަލާލުއްދީން ސްކޫލުގައެވެ.

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޯބަރުމަހު 18 ވަނަ ދުވަހުގެ ނިލަޔަށް ވަނީ ހުޅުވާލާފައެވެ. ޖަލާލުއްދީން ސްކޫލުން ބުނީ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްކޫލުގައި ނަންނޯޓްކުރުމުން ޓްރޭޑް ފެއަރގައި ބައިވެރިވެވޭނޭކަމަށެވެ.

ޓްރޭޑް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސްކޫލު ހޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިހަ ހާސް ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި ކްލާސް ރޫމްތަައް 3000 ރުފިޔާއާއި 2500 ރުފިޔާއަށް ކުއްޔަށް ދޫކުރާއިރު ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 ރުފިޔާއަށް ވުރެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކޮށް ކުރިއަށްދިޔަ މިފެއަރގައި ގިނަ އަދަދެއްގެ ވިޔަފާރިތަކަކުން ބައިވެރިވިއެވެ. މިފެއަރގައި ގިނަ އަދަދެއްގެ މުދާ އެއްތަނަކުން އަގުހެޔޮކޮށް ލިބެން ހުރެއެވެ.